ޗައިނާ އިން މިހާތަނަށް ޖައްވަށް ފޮނުވާ އެންމެ ހަގު ފަޅުވެރިންގެ ޓީމެއް އެ ގައުމުގެ ޖައްވީ ސްޓޭޝަނަށް ފޮނުވައިފި އެވެ.
އެއީ 2030 ވަނަ އަހަރު ހަނދަށް މީހުން ފޮނުވުމަށް އެ ގައުމުން ފަށާފައިވާ މަޝްރޫއުގެ ދަށުން ޖައްވަށް ފޮނުވާ ފަޅުވެރިންނެވެ.
އިއްޔެ ޗައިނާ ގަޑިން ހެނދުނު 11.30 ގައި އެ ގައުމުގެ ޖީ ކުއާން ސެޓެލައިޓު ލޯންޗިން ސްޓޭޝަނުން ފޮނުވާލި ޝެންޒޫ 17 ޖައްވީ އުޅަނދު ފޮނުވާލީ ލޯންގް މާޗް2- އެފް ރޮކެޓުގެ އެހީގަ އެވެ.
ޗައިނާގެ ސްޕޭސް އާ ބެހޭ އިދާރާއާ ހަވާލާދީ އެ ގައުމުގެ ގައުމީ ޓީވީ އިން ބުނި ގޮތުގައި މިފަހަރުގެ ފަޅުވެރިންގެ އެވްރެޖް އުމުރަކީ 38 އަހަރެވެ.
ޗައިނާ އިން 2030 ވަނަ އަހަރުގެ ކުރިން ހަނަދަށް މީހުން ފޮނުވަން މަސައްކަތް ކުރަމުން އަންނަ އިރު އެރޭހަށް އެމެރިކާ ވެސް ވަނީ ވާދަކުރަން ފަށައިފަ އެވެ. އެމެރިކާ އިން މަސައްކަތް ކުރަނީ 2025 ވަނަ އަހަރު ހަދަށް މީހުން ފޮނުވުމަށެވެ.
ޗައިނާ އިން އިއްޔެ ޖައްވަށް ފޮނުވި ތިން މީހުން ދިއުމާ އެކު މިހާތަނަށް ޖައްވުގައި ގާއިމުވެ ތިބޭތާ ހަމަސް ދުވަސް ވެފައިވާ އެ ގައުމުގެ ޖައްވީ ސްޓޭޝަނުގެ ކުރޫ އިން އެނބުރި ބިމަށް އަންނާނެ އެވެ.
ބުދަ ދުވަހު ޗައިނާ އިން އިއުލާން ކުރި ގޮތުގައި އެ ގައުމުން މިހާރު ގެންދަނީ ބާރު ގަދަ ޓެލެސްކޯޕެއް ޖައްވަށް ފޮނުވުމަށް ތައްޔާރު ވަމުންނެވެ. އެހެންނަމަވެސް އެޓެލެސްކޯޕާ ބެހޭ އިތުރު މައުލޫމާތެއް ނުދޭ އެވެ. ޗައިނާ އަކީ ގަދީމީ ޒަމާނުއްސުރެ ތަރިތަކުގެ ހަރަކާތްތައް ބަލައި ރެކޯޑު ކުރަމުން އަންނަ ގައުމެކެވެ. ފަހަކަށް އައިސް އެގައުމުން ގެންދަނީ ޖައްވީ ދިރާސާތަކުގައި ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ގައުމުތަކާ އެއްހަމައެއްގައި ވާދަ ކުރަމުންނެވެ.
ޗައިނާ އިން އެ ގައުމުގެ ޖައްވީ ސްޓޭޝަން ބިނާ ކުރުމުގެ މަސައްކަތް ފެށީ އިންޓަނޭޝަނަލް ޖައްވީ މަރުކަޒުން އެ ގައުމު ބޭރުކުރުމާ ގުޅިގެންނެވެ. އެ މަރުކަޒުގެ މަސައްކަތުން ޗައިނާ ބޭރު ކުރީ އެ ގައުމުގެ ޖައްވީ ހަރަކާތްތަކާ މިލިޓަރީއާ ގުޅުން އޮންނަ ކަމުގައި އެމެރިކާ އިން ތުހުމަތު ކުރުމަށް ފަހުގަ އެވެ. ޗައިނާ މިހާރުވެފައި ވަނީ ޖައްވަށް އިންސާނުން ފޮނުވުމުގެ ޝަރަފު ހޯދި ތިން ވަނަ ގައުމަށެވެ. ޗައިނާ ފިޔަވައި މިހާތަނަށް ޖައްވަށް އިންސާނުން ފޮނުވާފައި ވަނީ ކުރީގެ ސޯވިއެޓު ޔޫނިއަނުންނާއި އެމެރިކާ އިންނެވެ.