ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ހުޅުވަން އެންގުމުން ފޯނު ހުޅުވަން ދެކޮޅު ހެދި މީހަކު 21،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެމީހާގެ މައްޗަށް ދައުވާ ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

މެއި، 2018 ގައި ފުލުހުން ތަހުގީގުކުރި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނުތައް ހިފެހެއްޓުމަށްފަހު ފޯނު ހުޅުވަން އެންގުމުން އެކަމަށް ދެކޮޅު ހެދި މައްސަލައިގަ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފެހެއްޓުމުން، ފުލުހުން އެ ފޯނު ހުޅުވާނެ ގޮތަކަށް ހުޅުވަންވީ ކަމަށް ބުނެ، ފޯނު ހުޅުވަން އިންކާރު ކޮށްފައިވާ ކަމަށެވެ.

އެއީީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުން ކަމުގައި ހުކުމްގައިވެ އެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބު ލުއިކޮށްދޭން އެދިފައިވާތީ އެ މީހާ 21،600ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެމީހާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ވެސް ކޯޓުން އަންގާފައިވެ އެވެ.