ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ޝަކީލް، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ޝަކީލް ރިޓަޔާ ކުރައްވަން ޖޭއެސްސީ އަށް ހުށަހެޅި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް އެ ކޮމިޝަނުން ނުނިންމަ އެވެ. ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔާ ވެވޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި ނަމަ އެވެ.
އެނގިފައިވާ ގޮތުގައި، މާދަމާ ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ އިރު، އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ. ޝަކީލް ރިޓަޔާ ކުރައްވަން ޖޭއެސްސީ އަށް ހުށަހެޅުއްވިތާ ކުޑަ ދުވަސްކޮޅެއް ވަނީ ވެފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ވެސް ކުރެއްވެވި ޝަކީލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުއްޓާ އޭނާ ފެމިލީ ކޯޓަށް ބަދަލު ކުރިއެވެ. އެކަމަކު، 2019 ގައި އަލުން އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިން ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކުރި ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިއިރު، ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުނީ އެ ހުކުމާ ހެދި އެވެ.
ޝަކީލު ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތީ މާޗު 23، 2003 ގަ އެވެ. މިދިޔަ 19 އަހަރު ތެރޭގައި އޭނާ ވަނީ އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގައި ވެސް ފަނޑިޔާރުކަން ކުރައްވައިފަ އެވެ.