ހިތް ހުއްޓުމުން ފަރުވާއެއްގެ ގޮތުގައި ހަށިގަނޑަށް އޫރުގެ ހިތެއް ލެއްވި ދެވަނަ މީހާވެސް އޮޕަރޭޝަން ކުރިތާ ހަ ހަފްތާ ފަހުން މަރުވެއްޖެ އެވެ.

58 އަހަރުގެ ލޯރެންސް ފެޓޫސްގެ ހިތް ހުއްޓުނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ކަމަށް ފަރުވާއެއްގެ ގޮތުން އޫރުގެ ހިތެއް ޓްރާންސްޕްލާންޓްކުރީ ލޯރެންސްގެ ވެސް ރުހުމާއެކު އެކްސްޕެރިމެންޓް ސާޖަރީއެއްގެ ގޮތުގަ އެވެ.

އޮޕަރޭޝަނަށްފަހު ފުރަތަމަ ލޯރެންސްގެ އާ ހިތް ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް މީގެ ހަފްތާއެއްހާ ދުވަސް ފަހުން ހާލު ގޯސްވީ ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.

ލޯރެންސްގެ އެންމެ ފަހުގެ އެދުމަކަށްވީ މި ސާޖަރީއިން ލިބިދިން ފިލާވަޅުތަކާއެކު ހިތުގެ ޓްރާންސްޕްލާންޓްގެ ފަރުވާއަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުން ކަމަށް އޭނާގެ ޑޮކްޓަރުން ބުނެފައިވެ އެވެ.

އޫރު ހިތެއް އެންމެ ފުރަތަމަ ލައްވާފައިވަނީ 2022 ވަނަ އަހަރު 57 އަހަރުގެ އެމެރިކާގެ ފިރިހެނެއްގެ ހަށިގަނޑަށެވެ. އޭނާ ވެސް ވަނީ އެ އޮޕަރޭޝަންގެ ދެ މަސްފަހުން މަރުވެފަ އެވެ.