ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ މިމަހުގެ ތެރޭގައި މިނިވަން ވެގެންދާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ތަމަޅަ ޓައިގަރުން ގޮވައިގެން ރާއްޖެ އަރައި 19 ދިވެހިން ޝަހީދުކޮށްލި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލުތުފީ މަރަން ކޯޓުން ހުކުމް ކުރި ނަމަވެސް އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މަރުގެ ހުކުމް 25 އަހަރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ. ލުތުފީ އެ މައްސަލައިގައި ތަންފީޒު ކުރި ހުކުމް މިހާރު ވަނީ ހަމަވެފަ އެވެ.

އެކަމަކު، އޭނާ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ފިލި މައްސަލައިގައި ޖަލު ހުކުމެއް ކޮށްފައިވެ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ލުތުފީ ފިލި މައްސަލައިގައި އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމޭނީ މި މަހުގެ 27 ގައި ކަމަށެވެ. އެއާ އެކު، ލުތުފީ މިނިވަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލުޠުފީއަކީ ނޮވެމްބަރު 3 ގައި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާއަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން އިރު އެންމެ އިސްކޮށް ހުރި މީހާ އެވެ.

ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އޭނާ ފިލި އެވެ. ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އޭނާ ދިޔައީ މެއި 2019 ގަ އެވެ. އަދި މި ސަރުކާރުން އޭނާ ފިލުވައިގެން އެމްބަސީގެ ތެރޭގައި ގެންގުޅުނު މައްސަލައެއް ވެސް ފެންމަތިވި އެވެ.

އެއާއެކު، ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ މާލެ ގެނެސްފައިވެ އެވެ. އަދި އޭނާގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ހަތް މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ.