އިޒްރޭލުން ގާޒާ އަށް އަރައިގަންނަން ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލައި ވަގުތުން ސުލްހައިގެ މަގު ޚިޔާރު ކުރުމަށް ލުބުނާނުގައި ހަރަކާތްތެރިވާ ސިޔާސީ/ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ހިޒުބުﷲ އިން ގޮވައިލައިފި އެވެ.

ހިޒުބުﷲ އިން މި ގޮތަށް ގޮވައިލީ އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އިއްޔެ ދެއްވި ތަގުރީރެއްގަ އެވެ.

ފަލަސްތީނާއި އިޒުރޭލާ ދެމެދު ހަނގުރާމަ ފެށި ފަހުން ހިޒުބުﷲ ގެ ވެރިޔާ ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ހަމާސް އިން އޮކްޓޯބަރު 7 ގައި ދެކުނު އިޒުރޭލަށް ދިން ހަމަލަ ރޭވުމުގައި ހިޒުބުﷲ ގެ ވެސް އީރާނުގެ ވެސް ބައިވެރިވުމެއް ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުން ހަނގުރާމަ ފެށުމާ އެކު ހިޒުބުﷲ ހަނގުރާމައިގެ ތެރެއަށް ވަދެ ލުބުނާނަށް ހަނގުރާމަ ފެތުރިގެން ހިނގައިދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަށް ލަފާކޮށް އެމެރިކާ އިން ވަނީ ލުބުނާނަށް ފަސޭހައިން ހަމަލާދެވޭ ގޮތަށް ހަނގުރާމަ މަތީ މަނަވަރުތައް މެޑިޓްރޭނިއަން ކަނޑަށް ޖަމާކޮށްފަ އެވެ.

އެމެރިކާއިން ވަނީ ހިޒުބުﷲ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ ލުބުނާނުގެ ވެރިރަށް ބޭރޫތު އެއްކޮށް ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ގޮވާލެއްވި ކަމަށް ވިއަސް ނަސްރުﷲ ވަނީ އެމެރިކާ އަށާއި އިޒްރޭލަށް އިންޒާރު ވެސް ދެއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒުރޭލުން ޝަހީދުކޮށްލި ފަލަސްތީނުގެ 9،000 މީހުންނަކީ އެމެރިކާގެ ބައިވެރިވުމާއެކު ޝަހީދު ކޮށްލެވުނު މީހުންކަން ދަންނަން ޖެހޭނެ ކަމަށެވެ. ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވަމުން ނަސްރުﷲ ވިދާޅުވީ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވާނަމަ އަމަލު ކުރަން ޖެހޭ ހުރިހާ އޮޕްޝަންތަކެއް ވެސް އޮތީ ހުޅުވިފަ އެވެ.

ހިޒުބުﷲ އިން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ ހަނގުރާމަ ސަރަހައްދަށް ފެތުރިދާނެކަމުގެ ބިރު ގިނަ ބައެއްގެ ހިތުގައި އޮތް ކަމުގައި ވިދާޅުވަމުން ހިޒުބުﷲ ގެ ލީޑަރު ވިދާޅުވީ ހާލަތު އިތުރަށް ގޯސްވާނަމަ އެކަން ކުރަން ޖެހިދާނެ ކަމަށެވެ.

ފަލްސްތީނުގެ ހާލަތު އިޒުރޭލުން އިތުރު ލުޔެއް ނުދީ ކުރިޔަށް ގެންދާނަމަ ހަނގުރާމައަށް ވަންނާނެ ކަމަށް ހިޒުބުﷲ އިން ބުނި ކަމުގައި ވިއަސް ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށް ގޮވާލައިފައި ވާތީ ލުބުނާނުގެ ރައްޔިތުންގެ ހިތްތަކަށް މި ވަގުތަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފަ އެވެ.