އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދީފި އެވެ.

މުއިއްޒާއި ހުސެއިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ގަ އެވެ. ޖުމްހޫރީ މައިދާނުގައި ބާއްވާ އެ ރަސްމިއްޔާތަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯދީއަށް ދައުވަތު ފޮނުވާފައިވާ ކަން އިންތިހާބީ ރައީސްގެ އޮފީހުން ބުނެ އެވެ.

މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހުވާ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. ނޮވެމްބަރު 17، 2018 ގައި ގަލޮޅު ދަނޑުގައި ބޭއްވި އެ ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ ވެރިއަކަށް ވަޑައިގެންނެވީ ވެސް ހަމައެކަނި މޯދީ އެވެ.

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ހީނަރުވެ، ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ބަދަހިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކޮށްފައިވެ އެވެ.

ނަމަވެސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ހުރިހާ ގައުމަކާއެކީވެސް ގުޅުން ބާއްވާނެ ސަރުކާރަކަށް ކަމުގައެވެ. މުއިއްޒު ވިދާޅުވެފައި ވަނީ، ޗައިނާ އާއި އިންޑިއާ އާއި އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުތަކާއި އަދި އަވަށްޓެރި އެހެން ގައުމުތަކާ ވެސް ގާތް ގުޅުން ބާއްވާނެ ކަމަށެވެ. އަދި ރާއްޖެ އިން ގެންގުޅޭނީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށް ވެސް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މުއިއްޒު ވިދާޅުވަމުން އަންނަ އެއް ވާހަކައަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލަ އެވެ. ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވާނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.