ރާއްޖޭގެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ މަހު ރިލީޒްކުރުމަށް ނިންމާފައިވާ "ނޮވެމްބަރ"ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މިފިލްމަކީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ ޖޯޑު ފެންނާނެ ފަހު ފިލްމެވެ.

ޑާކްރެއިން ބުނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރާ މިފިލްމުގެ ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޑާކް ރެއިންގެ ވަޓްސްއެޕް/ވައިބާ ނަންބަރަށް މެސެޖްކޮށްގެން ޓިކެޓް ބުކްކުރެވޭނެ އެވެ.

"ނޮވެމްބަރު"ގެ ޕްރީމިއާ ޝޯގެ ޓިކެޓް ވިއްކަނީ 200 ރުފިޔާ އަށެވެ. އެހެން ޝޯތަކުގެ ޓިކެޓް ވިއްކަނީ 150 ރުފިޔާ އަށެވެ.

ސިންގަޕޫރުގައި ކުޅެފައިވާ މި ފިލްމަކީއަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

https://www.instagram.com/p/CzL3cCjxMm0/?utm_source=ig_embed&ig_rid=de90f8e1-b602-42a2-bec1-ea7d1687847b

"ނޮވެމްބަރު" އަކީ ޑާކް ރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ. އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކުރި ފިލްމަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

"ނޮވެމްބަރު" ގެ ވަރަށް ހާއްސަ ރޯލަކުން ސިންގަޕޫރުގައި ދިރިއުޅޭ ރާއްޖޭގެ ކުރީގެ ތަރި އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުމަކުން މަޝްހޫރު ޕްރެޒެންޓަރު މުސާ ވަސީމާއި މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާނު ވެސް ފެނިގެންދާނެ އެވެ.

https://www.facebook.com/photo?fbid=833325548801710&set=a.466102265524042

"ނޮވެމްބަރު" އަކީ މި އަހަރު ޑާކް ރެއިނުން އޮލިމްޕަހަށް ގެންނަ ދެވަނަ ފިލްމެވެ. ކޮވިޑާ ވިދިގެން އެ ސިނަމާ ބަންދުކޮށްފައި ހުންނަތާ ތިން ވަރަކަށް އަހަރު ފަހުން މި އަހަރުގެ ފެބްރުއަރީ އެތަނުގައި އެޅުވި ފުރަތަމަ ފިލްމަކީ އެ މަހުގެ 6 ގައި ޕްރީމިއާކުރި ޑާކް ރެއިންގެ "ބީވީމާ" އެވެ. ޑާކްރެއިންގެ ފިލްމުތަކެއް އަންނަ އަހަރު ވެސް ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.