ޓޫރިޒަމް ބޭނުންތަކަށް ކުއްޔަށް ދީފައިވާ ތަންތަނުގެ ފެންވަރު ރަނގަޅުކުރަން ބަންދުކުރެވޭ މުއްދަތު ދެ އަހަރަށް އިތުރުކޮށްފި އެވެ.
މި ބަދަލު ގެނައީ ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގައި ގަވައިދަށް ގެނައި ފުރަތަމަ އިސްލާހުގަ އެވެ. މީގެ ކުރިން ރީ ޑިވެލޮޕްމަންޓައް ރިސޯޓެއް ބަންދުކުރަން ހުއްދަ ދެނީ 18 މަސް ދުވަހަށެވެ.
އެ އިސްލާހުގައިވާ ގޮތުން މަރާމާތައް ތަނެއް ބަންދުކުރުމަށް ދެ އަހަރު ދުވަސް ދިން ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފަށާއިރު ރީ ޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަން، ރީ ޑިވެލޮޕްކުރަން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅައިފިނަމަ އިތުރު އެއް އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ. އަދި އިތުރުކުރެވޭ މުއްދަތުގައި އިތުރަށް ތަރައްގީ ކުރަން ދެވޭ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ދިނުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެ އިސްލާހުގައިވެ އެވެ.
އިތުރަށް ތަރައްގީ ކުރަން މުއްދަތު އިތުރުކުރާއިރު އެތަން ބަލައި ފާސްކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ކަށަވަރުކުރަން ޖެހެ އެވެ. އަދި މަސައްކަތް ނިމިފައިވާ ގޮތް ބަޔާންކޮށްދޭ ރިޕޯޓެއް ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ކުއަންޓިޓީ ސަވޭޔަރެއްގެ ނުވަތަ އިންޖިނިއަރެއްގެ ސެޓިފިކެޓަކާއެކު ހުށަހެޅަންޖެހެ އެވެ.
ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން، ތަނަކާ ގުޅުން ހުރި ހައްގުތައް އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި، އެ ތަނެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާ ތާރީޚަކީ އެ ތަނަކާ ގުޅުން ހުރި ހައްގުތައް ބަދަލުކޮށްފައިވާ ތާރީޚު ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައިވާ ގޮތުން ރަށެއް ނުވަތަ ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ ތިން އަހަރެވެ. އަދި ފަޅެއްގެ ނަމަ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގުމުއްދަތަކީ 4 އަހަރެވެ.