ގާޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި އިތުރު ކަންތައް ކުރަން ބޭނުން ކަމަށް އަޔަލޭންޑުގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާރް ވިދާޅުވެއްޖެ އެވެ.

ވަރްޑުކާރް ކުރިން ވަނީ 13 މިލިއަން ޔޫރޯގެ އިންސާނީ އެހީގެ ޕެކޭޖެއް ގާޒާގެ ރައްޔިތުންނަށް ފޯރު ކޮށްދޭން ނިންމަވައިފަ އެވެ.

އަޔަލޭންޑަކީ މިހާރު ހިނގަމުންދާ އިޒުރޭލު، ގާޒާ ހަނގުރާމައިގައި އިޒުރޭލު ކުށްވެރިކޮށް ވާހަކަ ދައްކާ ޔޫރަޕްގެ ހަމައެކަނި ގައުމުވެ.

އދ. އާއި ޔޫރަޕިއަން ޕާލަމެންޓް ފަދަ ތަންތަނުގައި އިޒްރޭލަށް ރައްދުކޮށް ހަރުކަށި އިބާރާތުން އަޔަލޭންޑުގެ ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަފުޅާ ހެދި އިޒްރޭލާއި އަޔަލޭންޑާ ދެމެދު ވަނީ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އަޔަލޭންޑުގެ ރައީސާއި އިދިކޮޅު ލީޑަރު ވެސް ހިމެނި ވަޑައިގަންނަވާހެން ބައެއް ސިޔާސީ ވެރިން ވަނީ އެ ގައުމުގައި ހުންނަވާ އިޒްރޭލުގެ އެމްބެސެޑަރު ފޮނުވާލަން ވެސް ގޮވާލައިފަ އެވެ. އެހެން ނަމަވެސް ބޮޑުވަޒީރު ވިދާޅުވީ އެމްބެސެޑަރު ފޮނުވާލުމަކީ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށާއި ހައްލު ހޯދުމަށް އިޒުރޭލާ އެކު ވާހަކަ ދައްކަން ހުރި ދޮރުތައް ބަންދު ކުރަން ބޭނުން ވާނެ ކަމަށެވެ.

ގާޒާ އަށް އެހީތެރިވުމާ މެދު މަޝްވަރާ ކުރުމަށް ޔޫރަޕްގެ ލީޑަރުންގެ މެދުގައި އޮތް ބައްދަލުވުމަކަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޕްރީމިއާ ލިއޯ ވަރަޑްކަރް ވިދާޅުވީ ގާޒާގެ މައްސަލައަކީ ވަރަށް ނާޒުކު އެހާމެ ނުރައްކާތެރި މައްސަލައެއް ކަމަށެވެ. ވަރަޑްކަރު އިޒްރޭލަށް ގޮވައިލެއްވީ ހަނގުރާމަ ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގުފަހިކޮށް ދިނުމަށެވެ.

ގާޒާގައި ހިނގަމުންދާ ހަނގުރާމަ މަހަކަށް ވުރެ ދިގުލައިގެން ދާއިރު އިޒުރޭލުން ވަނީ އެ ސަރަހައްދަށް ކާބޯތަކެއްޗާއި ފެނާއި ބޭސް ލިބޭނެ މަގުތައް ބަންދުކޮށް ގާޒާގެ ރައްޔިތުން ބަނޑަށް ބައިތިއްބައި މެދުނުކެނޑި ބޮން އަޅަމުންނެވެ. ހަނގުރާމަ ހުއްޓާލުމަށް ދުނިޔެއިން ގޮވާލާ އަޑެއް އިޒްރޭލުން އަހާކަށް ބޭނުމެއް ނުވެ އެވެ.