ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޕްލެޓްފޯމެއް ފަރަށް އެރި މައްސަލާގައި އެފްކޮންސްގެ އިން އެންވަޔަރަމަންޓް މިނިސްޓްރީ އަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ މާފް ނުކުރާނެ ކަމްށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮން ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ އިރުމަތީ ފަރާތު ފަރަށް އަރާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ.
އެ މައްސަލާގައި އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ 69,411,800.00 (ފަސްދޮޅަސް ނުވަމިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ރުފިޔާ އިން އެފްކޮންސް ޖޫރިމަނާ ކުރަން ނިންމައިފަ އެވެ.
އެންވަޔަރަމަންޓް މިނިސްޓަރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސްގެ ޓަގުބޯޓު ވިލިމާލޭ ފަރަށް އެރުމާ ގުޅިގެން، ފަރަށް ލިބުނު ގެއްލުން ސާވޭކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން 13 ނޮވެންބަރު 2022 ގައި ކޮށްފައިވާ ޖޫރިމަނާ އަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މިގޮތަށް ނިންމާފައި ވަނީ، ބޯޓުގެ ވެރިފަރާތުން 7 ޑިސެންބަރު 2022 ގައި އީ.ޕީ.އޭ ގެ ނިންމުން މިނިސްޓަރަށް އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް ފަހުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ. މި މައްސަލައިގައި ގޮތެއް ނިންމުމުގައި މެރިޓައިމް ދާއިރާގެ ފަންނީ ލަފާ ހޯދަން އެ ރިޕޯޓުގައި ލަފާދީފައިވާތީ، ފަންނީ ލަފާ ހޯދުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސް އަށް ފޮނުވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ނަގަންޖެހޭ ކޮންޓްރޯލް މެޝާސްތަކާ އެކު އުޅަނދު ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުސަތު މަސައްކަތުގެ ކޮންޓެރެކްޓަރަށް އޮތް ކަމަށާއި އެހެންކަމުން، މި މައްސަލާގައި އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ ޖުރިމާނާ މުރާޖަޢާކޮށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.
މިގޮތަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ ނުވަތަ އެ ފައިސާއިން ބައެއް ތިމާވެށްޓަށް ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަކުރުމަށް އީ.ޕީ.އޭ އަށް ލިބުމަކީ މުހިއްމު ކަމެއްކަމުގައި ސަރުކާރުން ދެކޭތީވެ، މި މައްސަލައިގެ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ އީ.ޕީ.އޭ ގެ "އެންވަޔަރަންމަންޓް ރެސްޓްރޯޝަން ފަންޑް" އަށް ޖަމާކުރުމަށް ވަނީ ނިންމައިފަ އެވެ.
މި ފައިސާ، ވިލިމާލެ ފަރަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށާއި އަދި މިފަދަ މަސައްކަތްތައް ކުރުމަށް އީ.ޕީ.އޭ ގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.