=

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހާއްސަ ވަފްދެއް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވައިޓް ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިޑެން ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. މި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގަންނަވަނީ އެމެރިކާ އިން ގައުމުތަކަށް ދޭ އެހީ ވިލަރެސް ކުރާ އިދާރާ ކަމަށްވާ ޔޫއެސް އެއިޑްގެ ވެރިޔާ ސަމަންތާ ޕަވާ އެވެ. މީގެ އިތުރުން މި ވަފުދުގައި ހިމެނެނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އާއި ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސީނިއާ ޑިރެކްޓާ ފޯ ކްލައިމެޓް އެންޑް އެނާޖީ ސާރާ ލަޑިސްލޯ އެވެ.

އަންނަ ހުކުރު ދުވަހުގެ ހަވީރު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އެކުވެރި ގައުމުތަކަށް ފޮނުވާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފަ އެވެ.

މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝީއެން ވައި އައިޖިން ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުވަނީ އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫ އެވެ.