މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށްޓަކައި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަމަށެވެ.

އެހެންވެ، އޭސީސީން ވަކި ގޮތެއް އަންގަން ދެން ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އޭސީސީން އެގޮތަށް އެންގި އިރު، ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެ، ފްލެޓުތައް ދޫކުރާ އަގުތައް އާންމުކޮށް ފައެވެ. އަދި ފްލެޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގައި އެއްބަސްވުންތަކުގައި ވަނީ ސޮއި ކުރަން ފަށައިފަ އެވެ.

އޭސީސީގެ ތަހުގީގަށް މިހާތަނަށް އައިއިރު ފާހަގަވެފައި ވަނީ އެނގިފައިވާ ގޮތުގައި ފްލެޓްތަކަށް ޝަރުތު ހަމަނުވާ މީހުންތަކެއް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންނަށް ޕޮއިންޓް ދިނުމާއި ފޯމުތައް އިވެލުއޭޓް ކުރިއިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދިނުމާއި ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން އޮތް ހާލަތްތަކުގައި އެކަން ކޮށްފައިނުވުމެވެ.

ލިސްޓަށް އައި ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް، 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ބަޔަކަށް ލިބޭނެ ކަމަށް އިއުލާންގައިވެއެވެ. ދެ ކޮޓަރީގެ ފުލެޓުތައް ހަމަ ދިނުމަށް ހަމަޖެހިފައިވަނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް އިއުލާންގައި ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް އެއް ފްލެޓު ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔަކީ 7،000ރ. އާއި މަރާމާތުގެ ފީ ގޮތުގައި މަހަކު ދައްކަން ޖެހޭ 1،000ރ. އާ އެކު ޖުމްލަ 8،000ރ. އެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5،000ރ. އާއި މަރާމާތުގެ ފީ ގޮތުގައި މަހަކު 1،000ރ. އެވެ.

ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހުއެވެ. އަދި ކުލި ދައްކަން ޖެހޭނީ 300 މަސް ވަންދެނެވެ.