ސެލްފީއެއް ނަގަން އެދި ކައިރިއަށް އައި ސަޕޯޓަރެއްގެ މޫނުގައި ޖެހުނީތީ ބޮލީވުޑްގެ އެކްޓަރު ނާނާ ޕާޓޭކަރު އާއްމުންގެ ކިބައިން މައާފަށް އެދިފަ އެވެ.
ނާނާ ޕާޓޭކަރު އެ ސަޕޯޓަރުގެ މޫނުގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެކަމާ ބެހޭ ގޮތުން އޭނާ ވަނީ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި އެ ވީޑިއޯގައި ނާނާ ޕާޓޭކަރު ބުނީ އޭނާ އެކުއްޖާ ގައިގައި ޖެހީ އެވަގުތު ކުރިއަށް ދިޔަ ފިލްމު ޝޫޓިންގެ ބައިވެރިއެއް ކަމަށް ހީކޮށެވެ.
"އެ ޝޮޓުގައި އަހަރެން ޖެހެނީ އެކުއްޖާ ގައިގައި ޖަހަން. ފަރިތަކުރީ އެންމެ ފަހަރަކު. އެ ސަޕޯޓަރު އައުމުން މޫނުގައި ޖެހުނީ އެ އެކްޓަރު ކަމަށް ހީކޮށް" ނާާނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެ ކުއްޖާ ހޯދައި މައާފަށް އެދެން ބޭނުންވި ކަމަށާއި އެހެން ނަމަވެސް އޭރު އޭނާ އެތަން ދޫކޮށް ގޮސްފައިވާ ކަމަށެވެ.
ނާނާ ކުޅެމުން ދިޔަ ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރްމާ ވަނީ ނާނާގެ ޝޮޓުގައި މީހެއް ގައިގައި ޖަހަން ޖެހޭ ކަމަށް ބުނެފަ އެވެ.