ފެނަކަ ކޯޕަރޭޝަނުން އީއައިއޭ ނުހަދާ 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވާތީ އެ ކުންފުނި 4.2 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް، ފެނަކަ އިން 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ އެ އިދާރާ އިން ބަލާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ އިދާރާ އެއްކުރި މައުލޫމާތާއި ފެނަކަ އާއި އީޕީއޭއާ ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކަށް ބަލާއިރު، އީއައިއޭ ފުރިހަމަނުކޮށް 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އީޕީއޭ އިން ބުނީ ބައެއް ރަށްރަށުގެ އިންޖީނުގެ މަސައްކަތްތައް ކުރުމުގެ ތެރޭގައި 25 ފަހަރަށް ވެސް ފެނަކަ އިން ގަވައިދާ ހިލާފުވި އިރު، އީއައިއޭ ފުރިހަމަނުކޮށް މަސައްކަތް ފަށައިގެން ހަ ފަހަރެއްގެ މަތިން ފެނަކަ ވަނީ ޖޫރިމަނާކޮށްފަ އެވެ.
އީއައިއޭ ނުހަދާ މަސައްކަތް ފެށުމުން ފެނަކަ ޖޫރިމަނާ ކޮށްފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ)ގެ ދަށުންނެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އީޕީއޭ އިން ވަނީ އަންގައިފަ އެވެ.
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފެނަކައިގެ ދަރަނި މިދިޔަ އަހަރުގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އިންތިގާލީ މަރުހަލާގައި އިންތިހާބީ ރައީސްގެ އޮފީހުން އެއް ކުރި މައުލޫމާތުން ވަނީ އެނގިގެން ގޮސްފަ އެވެ.