އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ދެކޮޅަށް ރައްދު ދިނުމުގެ ގޮތުން ޔަމަންގެ ވެރިކަން ކުރަމުން އަންނަ ހޫތީ ޖަމާއަތުން މުދާ އުފުލާ ބޮޑު ބޯޓެއް މިއަދު ހައިޖެކްކޮށްފި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ރަތް ކަނޑުގައި ދަތުރު ކުރަމުން ދަނިކޮށް ހޫތީން "ގެލެކްސީ ލީޑަރ" ބޯޓު ހައިޖެކް ކުރުމަކީ ދުނިޔޭގައި ފެންވަރުގައި ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ތުރުކީން އިންޑިއާ އަށް ކަމަށާއި އޭގައި އިސްރާއީލްގެ ބަޔަކު ނެތް ކަމަށް ބެސް އިސްރާއީލްގެ އަސްކަރިޔާ އިން ބުނެފައިވެ އެވެ.

އަދި އެއީ އިސްރާއީލްގެ ބޯޓެއް ނޫން ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ. އިސްރާއީލުން އެގޮތަށް ބުނި ކަމުގައި ވިޔަސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ބޯޓުގެ ވެރިފަރާތަކީ އިސްރާއީލްގެ މީހެކެވެ.

އަރަބި ބައެއް ގައުމުތަކުގެ މީޑިއާތަކުން ހާމަކުރަމުންދާ ގޮތުގައި އެ ބޯޓުގެ ކްރޫންގެ ގޮތުގައި 52 މެމްބަރުން ހިމެނެ އެވެ. އެކަމަކު، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ ބޯޓުގައި ތިބީ 25 ކްރޫންނެވެ. އިސްރާއީލްގެ ބޮޑުވަޒީރު އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓޫގައި ޔޫކްރެއިން ބަލްގޭރިއާ، ފިލިޕީންސް އަދި މެކްސިކޯ ހިމެނޭ ކަމަށެވެ.

މި މުދާ އުފުލާ ބޯޓު ރަޖިސްޓްރީކޮށްފައި އޮންނަނީ އިނގިރޭސި ވިލާތުގެ ކުންފުންޏެއްގެ ނަން މަތީގައި ކަމަށާއި އެ ބޯޓު އޮޕަރޭޓް ކުރަނީ ޖަޕާންގެ ކުންފުންޏަކުން ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ހޫތީން ވަނީ ރަތް ކަނޑުގެ ސަރަހައްދުން އިސްރާއީލްގެ އެއްވެސް އުޅަނދެއް ދަތުރު ކުރާ ނަމަ، އެއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޔަމަންގެ ހޫތީން ނެރުނު ބަޔާނެއްގައި ބުނީ ދީނީ، ގައުމީ ޒިންމާގެ ދަށުން އަދި އިސްރާއީލާއި އެމެރިކާ އިން ޣައްޒާގައި ކޮންމެ ދުވަހަކު ވެސް ހިންގަމުންދާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ބަލައި ޔަމަންގެ ރައްޔިތުންގެ ޑިމާންޑުތަކާއި ޣައްޒާގައި ތިބި އަނިޔާ ލިބެމުންދާ ރައްޔިތުންނަށް ލުއި ކަމެއް ހޯދައި ދިނުމަށް އިސްރާއީލްގެ ދިދަ އުފުލާފައިވާ ބޯޓުތަކަށާއި އިސްރާއީލް ކުންފުނިތަކުން ހިންގާ ބޯޓުތަކަށާއި އިސްރާއީލްގެ ކުންފުނިތަކުގެ ބޯޓުތަކަށް ހަމަލާ ދޭނެ ކަމަށެވެ.

އަދި ބޯޓުތަކުގެ ފަޅުވެރިންގެ ގޮތުގައި ތިބި އިސްރާއީލް މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށާއި އިސްރާއީލްގެ ބޯޓުތަކަށް މުދާ ހަވާލު ނުކުރުމަށް ވެސް ހޫތީންގެ ބަޔާނުގައިވެ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށް ގެންދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 12،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.