މައްސަލަ ބެލުމުގައި ފަރުވާ ކުޑަ ކުރިކަން ސާބިތުވެ ހދ. ޖުޑީޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި އަލީ އާދަމްގެ މަގާމު ދަށްކޮށް މެޖިސްޓްރޭޓަކަށް ބަދަލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނީ އަލީ އާދަމްގެ މަގާމު ދަށްކުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މައުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާތީ ކަމަށެވެ.

އަދި އަލީ އާދަމް ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 54 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުތަކާއި ހިލާފުވެފައިވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުމަށް ނިންމެވީ ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ކަމަށް ވެސް އެކޮމިޝަނުން ހާމަކުރެ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނީ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް، 2023 ނޮވެމްބަރު 20ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް ބަދަލުކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނީ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިންވެސް ތަހްގީގުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ލަފާ އަރުވާފައިވާ ކަމަށެވެ.