ފަސްއެނބުރި ބެލުމެއް ނެތި ޕީޕީއެމް/ޕީއެންސީ ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައީސް މުއިއްޒާ އެކުގައި ނުކުންނަވައިފި އެވެ.
ޕީޕީއެމްގެ ލީޑަޝިޕާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ. ޕީޕީއެމުން ވަކިވެވަޑައިގެންނެވިތާ މާ ގިނަ އިރުތަކެއް ނުވެ، އެމަނިކުފާނު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްޕުޅު ފައްޓަވައި ޕާޓީ އަށް ކިޔާނެ ނަމަކާއި ލޯގޯ އާއި އަސާސީ ގަވައިދާއި އެހެނިހެން ކަންކަން ނިންމައިފަ އެވެ.
ޔާމީން ފަހަތްޕުޅުގައި މިވަގުތު އެންމެ އިސްކޮށް ތިއްބެވީ އެމަނިކުފާނުގެ އެންމެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ވަޒީރު އަދި ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު މަލީހް ޖަމާލެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ އާ ޕާޓީ އުފެއްދުމާ ގުޅޭ ވާހަކަތައް ޔާމީންގެ ފަރާތްޕުޅުން މީޑިއާގައި ދައްކަވަނީ ޖަމީލާއި މަލީހެވެ.
އަބްދުއްރަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ އެންމެ ފުރަތަމަ ގައުމު އިސް ކުރާ ދެ ޕާޓީ ކަމަށެވެ. އަދި އެ ދެ ޕާޓީ އޮތީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް މުއިއްޒާއެކު ފިސާރި ސާބިތުވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާތް ﷲ ގެ ވާގިފުޅާ އެކު ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެގެން ދާނީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސް އެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް މުއިއްޒާ އެކުގައި ސާބިތުވެ ތިއްބެވުމަކީ ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކަށް ވުރެ މި ގައުމު މާ ބޮޑު،" އަދުރޭ ވިދާޅުވިއެވެ.
ޖަމީލާއި މަލީހް، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް އަދި ރައީސް މުއިއްޒަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ގެންދަވާތީ ރައީސް މުއިއްޒުގެ ދިފާއުގައި މި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ނުކުންނަވަން ފައްޓަވައިފަ އެވެ.