ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ޕާޓީ (ޕީއެންއެފް) އަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށްވެ، ރާއްޖޭގައި ވެރިކަން ކުރާ ތަން ފެންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީއާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފަ އެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ވަނީ އެދިފަ އެވެ. ޕާޓީގެ މުއައްސިސަކަށް ހަމަޖައްސާފައި ވަނީ ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދައަކަށް އީސީގައި ރަސްމީކޮށް އެދުމަށް ފަހު، އެ ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖަމީލް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޖަލުގައި ހުންނަވައި ހުރިހާ ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.

"ރައީސް ޔާމީން ނޫންތޯ މި އިންތިހާބަށްޓަކައި ހުރިހާ ސެކްރިފައިސެއް ވެވަޑައިގަތީ. ރައީސް ޔާމީންގެ ގޮނޑި ދެއްކެވީ. އާއިލާގެ ބޭފުޅުން ގުރުބާންވެވަޑައިގަތީ." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ސިޔާސީ މުފައްކިރަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީން ދެއްވި އިރުޝާދަކީ ގައުމުގައި ހުރި މައްސަލަތައް ހައްލުކޮށް، ކުރިއަށް ވަޑައިގަތުމަށް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"މި ވެގެންދާނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އިރާދަކުރެއްވިއްޔާ އުފެދިގެންދާ އެންމެ ވަރުގަދަ، ބިޔަ ބޮޑު ޕާޓީއަށް މާތް ﷲ ގެ ރަހްމަތާ އެކުގައި. އިންޝާ ﷲ. އަޅުގަނޑުމެން މި ޕާޓީއަކީ އިރާދަކުރެއްވިއްޔާ ދެން ވެރިކަން ކުރާނެ ޕާޓީ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ގެއަށް ވަޑައިގަތް ފަހުން، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ޔާމީންގެ އަރިހަށް ވަޑައިގެންފައެއް ނުވެ އެވެ. ޔާމީނަކީ އެހާ އަގެއް ނެތް ބޭފުޅެއްތޯ ޖަމީލް ސުވާލު ކުރެއްވެވި އެވެ.

ޔާމީންގެ އަސްލު ހަގީގީ ވަފާތެރިންނާއި އެކުވެރިން އެކީގައި ސިޔާސީ ގޮތުން ފަށާ މި ދަތުރު ވެގެން ދާނީ ރާއްޖެ ބަދަލުކޮށްލާނެ ސިޔާސީ ދަތުރަކަށް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގަ އެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.