ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދަން މަސައްކަތް ކުރަމުން އަންނަ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އަށް މެމްބަރުން ވެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕީއެންއެފްގެ މުއައްސިސްގެ ގޮތުގައި ހަމަޖައްސަން ނިންމާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ. އެ ޕާޓީގެ މެމްބާޝިޕް ފޯމް ފުރުމުގެ މަސައްކަތް ޕާޓީގެ އޮފީހުގައި މިރޭ ވަނީ ފަށައިފަ އެވެ. މި ހަރަކާތް ބައްލަވާލެއްވުމަށް ރައީސް ޔާމީން ވެސް އެތަނަށް ވަޑައިގެންނެވި އެވެ. އަދި އެންމެ ފުރަތަމަ އެ ޕާޓީގެ ފޯމްގައި ސޮއިކުރެއްވީ ރައީސް ޔާމީން އެވެ.

ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވައި ޕާޓީ އުފެއްދުގެ ކަންކަން ކުރިއަށްދާނެ ގޮތާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވާފަ އެވެ.

ޕާޓީ އުފެއްދުމުގެ ކަންކަމާ ގުޅޭގޮތުން ރައީސް ޔާމީން މިރޭ ވަނީ އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ ބައްދަލު ކުރައްވާފަ އެވެ.

އެ ޕާޓީ އުފެއްދުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމީލް ވިދާޅުވީ ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އެމަނިކުފާނު ވަރަށް ލޯބިވާ ޕީޕީއެމް ބަޔަކު ފޭރިގެންފައިވާތީ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް މިވަގުތު އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

"ފާއިތުވެދިޔަ ފަސް އަހަރެއްހާ ދުވަސް ތެރޭގައި އެމަނިކުފާނަށް އެކި ގޮތް ގޮތުން ވަރަށް ބޮޑެތި ގޯނާތައް ކުރަމުން ދަނީ. އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް އެމަނިކުފާނަށް ކުރިމަތިވެގެން ގޮސްފައި ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ބޭ އިންސާފު ޝަރީއަތުގެ ސަބަބުން ކަން ފާހަގަކޮށްލަން. އެކަމުގެ ސަބަބުން އެމަނިކުފާނުގެ އިންތިހާބީ ހައްގު ވަނީ ގެއްލިފައި. އަދި އެމަނިކުފާނުގެ ޕާޓީ މި ވަނީ ބަޔަކު އެމަނިކުފާނުގެ އަތުން ވަގަށް ނަގާފައި،" މިކަމުގެ އެންމެ އަޑީގައި ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ކަން ފާހަގަ ކުރައްވައި މަލީހް ވިދާޅުވި އެވެ.

މަލީހް ވަނީ ރައީސް ޔާމީނަށް ތާއީދު ކުރާ ހުރިހާ އެންމެން ޕީއެންއެފްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ. އަދި ޕާޓީ އުފެއްދުމަށްޓަކައި އީސީގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ. ހުއްދަ ލިބުމާ އެކު، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑު މުގުރާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގަ އެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.