ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދަން މަސައްކަތް ކުރަމުން އަންނަ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އޮފީހަށް ވަޑައިގެންނެވި މައްސަލައެއް ކަރެކްޝަނަލް ސާވިސް އިން ބަލަން ފަށައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް އެމަނިކުފާ ގެއަށް ބަދަލުކުރީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު މިދިޔަ އޮކްޓޫބަރު 1 ވަނަ ދުވަހު އެވެ. އަދި ޖަލު ހުކުމަށް ލުއި ދިނީ މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ.

ޔާމީން އަލަށް އުފައްދަވާ ޕީއެންއެފްގެ މުއައްސިސްގެ ގޮތުގައި ހަމަޖައްސަން ނިންމާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ. އެ ޕާޓީގެ މެމްބާޝިޕް ފޯމް ފުރުމުގެ މަސައްކަތް ޕާޓީގެ އޮފީހުގައި ރޭ ވަނީ ފަށައިފަ އެވެ. މި ހަރަކާތް ބައްލަވާލެއްވުމަށް ރައީސް ޔާމީން ވެސް އެތަނަށް ވަޑައިގެންނެވި އެވެ. އަދި އެންމެ ފުރަތަމަ އެ ޕާޓީގެ ފޯމްގައި ސޮއިކުރެއްވީ ރައީސް ޔާމީން އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަން ބަލަމުންދާ ކަމަށާއި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އަޅާނެ ކަމަށެވެ.

ޔާމީން ގެއަށް ބަދަލުކުރި ފަހުން މީގެކުރިން ވެސް އެމަނިކުފާނު ކުރިން ހުންނެވި ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޖަލްސާ ބާއްވައި އެ ޖަލްސާގައި ވާހަކަ ދެއްކެވުމުން ކަރެކްޝަނުން އޭރު ވެސް އިންޒާރު ދީފަ އެވެ.

ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.