ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ގެ އާއިލާ އަށް އެކަނި ސަރުކާރުން 33 ވަޒީފާ ދީފައިވާ ކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ ލިބުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވޯޓު ދިނީ ވަކި ބޭފުޅެއްގެ އާއިލާގެ ބޭފުޅުންނަށް 33 މަގާމު ދޭން ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހީމްގެ އާއިލާ އަށް އެކަނި މިވަގުތު ދިވެހި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން 33 ވަޒީފާ ދީފައިވޭ. އެއީ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް،" މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވި ގޮތުގައި އެހާ ގިނަ ބަޔަކަށް ވަޒީފާ ދިނުމަކީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންގެ ގައިގައި ކޮޅުފައިން ޖެހުމެވެ.

މަލީހް ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ ލިބުމާ އެކު، ރައީސް ޔާމީންގެ ސިޔާސީ މަސައްކަތް އާ ބާރުމިނެއްގައި ފެށިފައިވާ ކަމަށާއި ޕީއެންއެފް ވެގެން ދާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ވިދާ، އެންމެ އަލިގަދަ ތަރިއަށް ކަމަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން މިހާރު ތިއްބެވީ އާ ޕާޓީއާ ގުޅުމުގެ ވަރުގަދަ އަޒުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކަށް ވެގެން ދާނީ ވީހާ އަވަހަށް މެމްބަރުން ހަމަކޮށް ޕާޓީ އުފެއްދުމަށް ބޭނުންވާ ޖަލްސާ ބާއްވައި އެ ގާނޫނީ އިޖުރާއަތު ވީހާވެސް އަވަހަށް ފުރިހަމަ ކުރުން. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ވެގެން ދާނެ،" މަލީހް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ތައުރީފް ކުރައްވަވައި މަލީހް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ސިޔާސީ ބައްޕަ އަދި ތަރައްގީގެ ބާނީ އެވެ. އަދި ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ލޯބިވާ ސިޔާސީ ލީޑަރަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެންއެފް ނުކުންނަނީ ދިވެހި ޒުވާނުންނަށް އާ ސިޔާސީ ޕްލެޓްފޯމެއް ގާއިމުކޮށްދީ، "ކްލީން ޕޮލިޓިކްސް" އެއް ރާއްޖެ އަށް ދައްކައި ދިނުމަށް ކަމަށާއި ޕާޓީގެ ސިޔާސަތުތައް ވާނީ ޒުވާނުންނަށް ކަމުދާ، ރާއްޖެ އަށް ފައިދާ ހުރި ސިޔާސަތުތަކަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިސްލާމް ދީނާއި ގައުމިއްޔަތާއި މިނިވަންކަމާއި ތަރައްގީ އާއި ގަވަނަންސް ހަރުދަނާ ކުރުން މިއީ އަޅުގަނޑުމެންގެ އެންމެ މުހިންމު އަސާސަށް ވެގެން ދާނެ ކަމުގެ ގޮތުގައި ރައީސް ޔާމީން ފާހަގަ ކުރައްވާ،" މަލީހް ވިދާޅުވި އެވެ.

މަލީހް މިއަދު ވެސް ވިދާޅުވި ގޮތުގައި ޕީޕީއެމުން ޔާމީން ބޭރުކޮށްލީ ބަޔަކު އަޑީގައި ތިބެގެންނެވެ.