މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޯމް ހުށަހަޅުއްވަން ނިންމަވައިފި އެވެ.
އާޒިމް ފޯމް ހުށަހެޅުއްވުމަށް އެމްޑީޕީ އޮފީހަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ.
އާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން އުފެދުނު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަން އާޒިމް ކުރެއްވި އެވެ.
އާޒިމްގެ ދައުރުގައި މްޓީސީސީ އަށް ހޯދުނު އެންމެ މުހިންމު އެއް ކާމިޔާބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ފަހަރާ ގިނަ މަޝްރޫއުތަކެއް ފަށައި، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމާލެވުމެވެ. މާލެ ސިޓީގެ ބަހުގެ ހިދުމަތް ފުޅާކޮށް، މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، މުޅި ރާއްޖެ އާރުޓީއެލް ފެރީގެ ހިދުމަތުން ރާއްޖެ ގުޅާލުމަށް ފެށި މަސައްކަތް ވެސް ފާހަގަކޮށްލެވެ އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، މަހުގެ 17 ވަނަ ދުވަހު ރައީސް ކަމަށް ވަޑައިގަތުމުންނެވެ. ރައީސް މުއިއްޒާއެކުގައި މާލެ ސިޓީގެ ތިން ގޮނޑިއެއް ވަނީ ހުސްވެފަ އެވެ. އެއީ އެ ގޮނޑިތައް ތަމްސީލް ކުރެއްވި ބޭފުޅުން އިސްތިއުފާ ދެއްވައި ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.
މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް މިހާތަނަށް އައިއިރު ޝައުގުވެރިކަން ފާޅު ކުރެއްވެވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދެވެ.
މޭޔަރާއި ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 13 ގައެވެ.