މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި މާލޭގެ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވަނީ މޭޔަރުކަމާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ މަޤާމެވެ. ހެންވޭރު ދެކުނު ދާއިރާއަކީ އަންހެނުންނަށް ޚާއްސަ ގޮނޑިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަގާމުތަކަށް އެ ކޯލިޝަނުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނޮވެންބަރު 30 އިން ފެށިގެން ޑިސެމްބަރު 4 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަގާމުތަކަށް ވާދަކުރާ މީހުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެކޯލިޝަނުން ބުނެ އެވެ. އެހެންކަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ ތެރެއިން މާލޭ ސިޓީގެ މޭޔަރުކަމާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ކަމަށް ޝައުޤުވެރިވާ މެންބަރުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ފޯމު ޕީއެންސީ އޮފީސް ނުވަތަ ޕީއެންސީގެ އީމެއިލް [email protected] އަށް ފޮނުވޭނެ އެވެ. މި ޕްރައިމަރީގައި ވޯޓުލެވޭނީ ޑިސެންބަރު 1 ގެ ނިޔަލަށް އެކޯލިޝަންގެ ދެޕާޓީން ކުރެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށްކަމަށް ވަނީ ބުނެފަ އެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވައިފަ އެވެ.

މާލޭގެ މޭޔަރު ކަމުގައި އެންމެ ފަހުން ހުންނެވީ މިހާރުގެ ރައީސް މުއިއްޒެވެ. އެ މަގާމު ހުސްވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި މި މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

މީގެއިތުރުން މާލެ ސިޓީ ކައުންސިލުގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށްޓަކައި މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމުގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު އާޒިމާ ޝުކޫރެވެ.