ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާ ރާއްޖެ އާއި އިންޑިއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުން އޮތީ މިހާރު ދުބާއީގައި ކުރިއަށްދާ ކޮޕް28ގެ ހަވާސާ ތެރެއިންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒުއާ އެކު ބޭއްވެވީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ގުޅިގެން މަސައްކަތް ކުރުމުގެ އުއްމީދުގައި ހުންނެވި ކަމަށެވެ.
"ދެ ގައުމުގެ ރައްޔިތުންނަށް މަންފާވާ ގޮތަށް ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރަން،" މޯދީ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަން އިތުރަށް މަސައްކަތް ކުރުމަށް 'ކޯ ގްރޫޕެއް' އެކުލަވާލުމަށްވެސް ވަނީ ނިންމާފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބާގްޗީ އެ މަޝްވަރާތަކާ ގުޅޭގޮތުން އެކްސްގައި ލިޔުއްވަމުން ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރަައީސް މުއިއްޒުއަށް މޯދީ މަރުހަބާ ވިދާޅުވި ކަމަށެވެ.
"ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި. އޭގެ ތެރޭގައި އިގްތިސޯދީ އަދި ތަރައްގީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަ ދެއްކެވި،" ބާގްޗީ ވިދާޅުވި އެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅުން ހުރި ދާއިރާތަކާއި ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް ވައުދުވެވަޑައިގެންނެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު މުއިއްޒު ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިންޑިއާ ސަަރުކާރަށް ރަސްމީކޮށް އަންގަވާފަ އެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ކުރިއަށް ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.