މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. ފުލުހުން ބުނި ގޮތުގައި މި އެންމެންނަކީ މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ ކޯޓަށް ގެންދިއުމުން އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
ހިތަދޫގައި ދެ ގޭންގެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެ މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު، އެމީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
އައްޑޫގައި އިއްޔެ ވެސް މާރާމާރީއެއް ހިންގާފައިވެ އެވެ. ގްރޫޕަކުން ހިތަދޫ ގެއަކަށް ވަދެ ޒުވާނަކަށް ވަޅިން ހަމަލާ ދިން އިރު، އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
މި މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ އައްޑޫގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.