ޤައުމެއްގެ ފަތުރުވެރިކަން އިޝްތިހާރުކުރާ އިދާރާގެ ނަން ބަދަލުކުރަން ނުވަތަ [ރީ-ބްރޭންޑް] ކުރުމަކީ ކުޑަކަމެއް ނޫނެވެ. އެކަމަކު ރީ-ބްރޭންޑް ކުރަން ޖެހޭފަދަ ޙާލަތެއް މެދުވެރި ވެއްޖެނަމަ، އެއީ ކުރުން ވަރަށް މުހިންމު ކަމެކެވެ. ޢާންމު ގޮތެއްގައި ޤައުމެއްގެ މާކެޓިން އެޖެންސީގެ ނަން، ނުވަތަ ބޭނުންކުރަމުން އައި ބްރޭންޑްގެ ނަމާއި އެއަށް ބާރު ލިއްބައިދިން ޓެގްލައިންތަކާއި، އަގު މަތިކޮށްދިން ސްލޯގަންތައް ރީ-ބްރޭންޑް ކުރުމުގެ ނިންމުމަކީ އިސްތިރާޖީގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް ނިންމާ ނިންމުމަކަށް ވާންވާނެއެވެ.

އެ ނިންމުން ނިންމަނީ އެ ބްރޭންޑަކަށް އިތުރު ދިރުމެއް ގެނެސްދީ އެ ބްރޭންޑެއްގެ މުދާ އެފަދަ އެހެން ބްރޭންޑްތަކުގެ މުދަލަށް ވުރެ، ގަންނަ މީހުންގެ މެދުގައި މަޤްބޫލުކަން އިތުރުކުރުމުގެ ބޭނުމުގައެވެ. އަދި އެމުދާ ބޭނުންކުރާ މީހުންގެ މެދުގައި އެ ބްރޭންޑެއްގެ މަޤްބޫލްކަން ދައްވެ، މުދާވިއްކުމަށް އުނދަގޫތަކާ ކުރިމަތިވުމުން، ނުވަތަ ކޮލިޓީ ދަށްވުން ފަދަ ސަބަބުތަކާހެދި އެތަކެއް މައްސަލަތަށް ޢާންމުވެ ނުވަތަ އެފަދަ އެހެން ބްރޭންޑެއްގެ ކޮލިޓީރަގަޅު މުދާ މާކެޓުން އަގުހެޔޮކޮށް ލިބެން ފެށުންފަދަ އެތައް ނުރަނގަޅު ކަނަކަން މެދުވެރިވުމުން ކުރާކަމެކެވެ.

މި މަފްޙޫމްތަކަށް ވިސްނާލާއިރު ދިވެހިރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރާ އޭޖެންސީގެ މިހާރުގެ ނަމުގައި، މައްސަލަތަކެއް މިވަގުތަކަށް ނެތެވެ. އަހަރުތަކެއް ކުރިން ނުރަގަޅު އެތައްކަމެއް އެ އޭޖެންސީގެ ނަން ބޭނުންކޮށްގެން ބަޔަކު ކޮށްފައިވިޔަސް، މިއަދު އެ އޭޖެންސީއަކީ އެ އޭޖެންސީގެ އަޞްލު މަޤްސަދު ކާމިޔާބުކަމާއެކު ޙާޞިލްކުރަމުން އަންނަ އޭޖެންސީއެކެވެ. އެ އޭޖެންސީން އިޝްތިހާރުކުރާ ދިވެހިރާއްޖޭގެ "ބްރޭންޑް" މިވަގުތު ވަނީ ދުނިޔޭގެ އެންމެ އުހުގައެވެ.

ފަތުރުވެރިކަމުގެ ނާރެހުގައި އެންމެ ވިދާ ބަބުޅާ އެއް ބްރޭންޑަކީ ޝައްކެއްނެތި "ވިޒިޓް މޯލްޑިވްސް" އެވެ. އެ ޓެގްލައިނެއްގެ އަޑު ކަންފަތުގައި ޖެހުމުން ޓާގެޓް އޯޑިއަންސަށް އެންމެ ފުން، މަޢުނަވީ އަސަރެއް ކުރުވާ އެއް ޓެގްލައިނަކީ ޝައްކެއްނެތި "ސަނީ ސައިޑް އޮފް ލައިފް" އެވެ. އެޤައުމެއް އަމާޒުހިފައި، ޓާގެޓް ސެގްމެންޓްގެ މީހުންގެ ކަންފަތުއި އެގައުމެއްގެ ނަން ޖެހުމުން، އެތަނަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ހިތުގެ އެންމެ ފުނުން އެންމެންހެން ޤަބޫލުކުރާ ހަމައެކަނި ނަމަކީ "މޯލްޑިވްސް" އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވޭތުވެދިޔަ ތިން އަހަރާއި އަދި މިހިނގާ އަހަރުގައި ވެސް، ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އެއްމެ މަޤްބޫލު މަންޒިލަކަށް ދިވެހިރާއްޖެ ހޮވިފައިވުމާއި، މިދިޔަ އަހަރާއި މިއަހަރު ވެސް ދުނިޔޭގެ ލީޑިން މާކެޓިން އޭޖެންސީއަކަށް ރާއްޖޭގެ މާކެޓިން އޭޖެންސީ ހޮވިފައިވުމީ، މިކަމުގެ އަލިގަދަ ހެއްކެކެވެ.

ކައިރި މާޒީއެއްގައި ދިމާވި ކޮވިޑްގެ ޙާލަތުން ރާއްޖެ އަރައިގަންނަން (އެހެން ގޮތެއް ނެތިގެން ނަމަވެސް) ކުރި މަސައްކަތުގެ އިއްތިފާޤީ ނަތީޖާއަކީ، ދުނިޔޭގައި ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމުތަކާއި، ފަތުރުވެރިން ޤައުމުން ބޭރަށް ގިނައިން ދަތުރުކުރާ ޤައުމުތަކުގެ މީހުންގެ ހިތުގައި ރާއްޖޭގެ ނަން މަޝްހޫރުވެ، ރާއްޖޭގެ މަޤްބޫލުކަން އިތުރުވުމެވެ. އެކަން އެހެންވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޤުދުރަތީގޮތުން ޖާއްޖެ އުފެދިފައިވާ ގޮތާއި، ޤުދުރަތުން ދެއްވާފައިވާ، އެފަދަ ދެވަނައެއް ނުވާ "ނިއުމަތް"ތައް، މިހާރުވެސް ހަމަ އެގޮތުގައި އެބަހުއްޓެވެ. ދުނިޔޭގެ ގިނަ ޤައުމުތައް އަދިވެސް އުޅެނީ ކޮވިޑުގެ ކާރިސާއިން އަރައި ނުގަނެވިގެނެވެ.

ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އެ އޭޖެންސީއެއް ތަމްސީލުކުރާ އެތައް ޕީއާރު ކުންފުނިތަކަކުން އެތަކެއް އަހަރު ވަންދެން މަސައްކަތް ކުރަމުންއައި އަދި މިހާރުވެސް އެކަން އެގޮތައް ހިނގަމުން އަންނަ އޭޖެންސީއެއްގެ ނަން، އެ އޭޖެންސީގެ މަސައްކަތް އެންމެ އުހުގައި ހުއްޓައި، ނަން ބަދަލުކުރުމަކީ، ނުވަތަ ރީ-ބްރޭންޑް ކުރުމަކީ، "އެޗްޑީސީ" ގެނަން "އާބަންކޯ" އަށް ބަދަލުކުރުންފަދަ ކަމެއްކަމަށް ދެކޭ ބަޔަކު ތިބިނަމަ، މިޤައުމުގެ ފަތުރުވެރިކަމާބެހޭ އިދާރާތަކުގެ މަތިފަޑީގެ އިސްތިރާޖީ ތަޞައްވުރާމެދު ހިތާމަކުރަމެވެ.

އެމްއެމްޕީއާރުސީ އަކީ، އެއްވެސް އާމްދަނީއެއް ހޯދާ ކުންފުންޏެއް ނޫނެވެ. ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓެއް، ދައުލަތުން ޙަވާލުކޮށްފައިވާ މަޤުޞަދެއް ޙާޞިލްކުރުމަށް، ހޭދަކުރާ ކުންފުންޏެކެވެ. އެކަން އެކުންފުނީން އަންނަނީ ކާމިޔާބުކަމާއެކު ކުރަމުންކަމަށް ބެލެވެއެވެ. އެހެނަސް މިދަނޑިވަޅު އެ ކުންފުނި ރީ-ބްރޭންޑް ކުރަނީ، ރައްޓެހި ކޮންމެވެސް ކުންފުޏަކަށް މަދުވެގެން 50 މިލިޔަން ރުފިޔާ ހޯދާދިނުމަށް ކަމަށް ވެދާނެއެވެ. އެފައިސާއިން ކޮންމެވެސް މިންވަރެއް ސަރުކާރުގެ ނުފޫޒުގަދަ ވެރިންތަކަކަށް ލިބުމަކީ، މިފަދަކަންކަން މިފަހުން ހިނގާގޮތް ކަމަށް، ބުނާތީ އަޑުއިވެއެވެ.

ކޮންމެއަކަސް، މިވަގުތު ޤައުމުގެ ދަރަނި އޮތީ 120 ބިލިޔަން ދިވެހި ރުފިޔާގައެވެ. އެއީ ހަމައެކަނި ނަގާފައިވާ ލޯން ދަރަނި އެކަންޏެވެ. ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ކަމަށް ބުނެ، ނިމިދިޔަ ސަރުކާރުން، މަޖްލީހުގެ ރުހުމާއެކު ޗާޕްކުރި 12 ވަރަކަށް ބިލިޔަން ރުފިޔާއާއި، މިހާރު ވިއްކޭތޯ އިޢުލާން ކޮށްފައިވާ 2.8 ބިލިޔަންގެ ޓީ-ބިލާއެކު، އެކުޖުމްލަ ދަރަނީގެ މިންވަރަކީ 135 ބިލިޔަން ރުފިޔާއެވެ. ޤައުމުގެ ޚަޒާނާގައި މިވަގުތު ހުރީ، 1 މަސްދުވަހުގެ ޒަރޫރީ ކާބޯތަކެތި އެތެރެކުރެވޭ ވަރުގެ މަދު ފައިސާކޮޅެއް ކަމަށް ބުނާތީ އަޑުއިވެއެވެ.

އެހެންކަމުން، ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ޙާލަތު މިފަދަ ނާޒުކު އަދި އެހާމެ ހައްސާސް ޙާލަތެއްގައި އޮއްވާ، މަތީގައި ބަޔާންކުރެވުނު ފަދައިން، ރާއްޖެއާމެދު ފަތުރުވެރިންގެ ނަޒަރުން ދެކޭގޮތް އެފަދަ ފުރިހަމަޔަށް ހުރި ދަނޑިވަޅެއްގައި، އަދި މިޤައުމަށް ލިބިގެންވާ ޤުދުރަތުގެ ނިޢުމަތްތަކަށް ބަދަލެއް ނައިސް، އޭގެ އެންމެ ފުރިހަމަކަމާއެކު ހިނގަހިނގާ އޮއްވާ، ރާއްޖެފަދައިން ފަތުރުވެރިކަމުގެ ވިޔަފާރިކުރާ އެހެން ޤައުމުތަކުގެ ބްރޭންޑް ތަކަކީ މިވަގުތަށް ރާއްޖެއަށް ނުރައްކަލަކަށް ނުވާއިރު، އެތައް މަސައްކަތަކާ ވަގުތަކާ ޚަރަދެއް ކޮށްގެން އުފައްދާފައިވާ، މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރާއްޖޭގެ ބްރޭންޑް، މެދުއުޑުގައި ވިދާ ބަބުޅަ ބަބުޅާ ހުއްޓާ، އެ ބްރޭންޑް އިޝްތިހާރުކުރާ އޭޖެންސީގެ ނަން ރީ-ބްރޭންޑް ކުރަން އުޅުމުން "ރިހޭ ފައިމައްޗަށް ފޮއި" ވެއްޓުން ނޫންކަމެއް ވެދާނެކަމުގައި ނުބެލެވެއެވެ.

އެޑިޓަރުގެ ނޯޓް: މި އާޓިކަލް ލިޔުއްވި ޑރ. ހާރިސް މުހައްމަދަކީ އިގްތިސާދީ ދާއިރާއިން ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖެ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު އެންމެ އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ. މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.