ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ނަމަ، އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ދެއްވައިފި އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން. --- ފޮޓޯ: ރައީސް އޮފީސް

އެ މައްސަލަ އަށް ބަހުސް ކުރެއްވި މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އެމެރިކާގެ ރައްޔިތުންނާއި އިނގިރޭސި ވިލާތުގެ ރައްޔިތުންނާއި ކެނެޑާގެ ރައްޔިތުން ކެބިނެޓަށް އައްޔަންކޮށްފައި ފެނަކައިގައި މަސައްކަތް ކުރާ ދިވެހި ރައްޔިތުން ކަނޑައި ގެއަށް ފޮނުވާލާ ތަން ބަލަން ނުތިއްބަވާނެ ކަމަށެވެ.

"މިހެން މި ދަންނަވަން ޖެހުނީ، ގަދަ ކަމެއް ކަމަށް، މޮޅު ކަމެއް ކަމަށް ދެކި މަޖިލިހަށް ސީވީ ފޮނުއްވި ބައެއް މިނިސްޓަރުންގެ ސީވީ މަތީގައި ބޮޑު އަކުރުން ތިމަންނައަކީ އިނގިރޭސި ވިލާތުގެ ރައްޔިތެކޭ (ބުނެފައި އޮންނަނީ). މިވަރަށް ބުރާންތި އަރާފައި ތިއްބެވި މިނިސްޓަރުން ގެނެސް ވަޒީފާ ދީފައި ކޮންމެ ދުވަހަކު ދިދަ ނަގައިގެން ކާރު ދުއްވަން އަންގާފައި އަތޮޅު ތެރޭގައި ބުރަ މަސައްކަތް ކުރާ ފެނާއި ނަރުދަމާ އާއި ކަރަންޓާއި އައިސް ޕްލާންޓާއި ބޮޓްލިން ޕްލާންޓްގެ ހިދުމަތްދޭން ތިބި ރައްޔިތުން ކަނޑާ ގެއަށް ފޮނުވާލާފައި ކާކަށް ވެރިކަން ކުރަން؟" އަނދުން ހުސެއިން ވިދާޅުވި އެވެ.

އަނދުން ހުސެއިން ވިދާޅުވީ ވަޒީރުންނަށް ރުހުން ލިބޭނީ ރައްޔިތުން މަގާމުތަކުގައި ބައިތިއްބައިގެން ކަމަށެވެ. އެއީ ގައުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އަނދުން ހުސެއިން ވިދާޅުވި އެވެ.

ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ރައްޔިތުންގެ ވަޒީފާާ ނުކުޅެވޭނެ ކަމަށާއި ވަޒީފާއަކީ މީހުންގެ ދިރިއުޅުން ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބޭ ފައިސާކޮޅު ފޭރިގަންނަން ކަމަށާއި މިއީ ފޭރޭ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މި ސަރުކާރުން އެބަޖެހެއޭ މިކަންކަން ހުއްޓަން. އެހެން ނޫން ނަމަ އަޅުގަނޑުމެންގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެ. އެހެން އެކަން ނުކޮށް ވާނެ ގޮތެއް މި ސަރުކާރުން ހޯދައި ދިނުމަށް އެދެން،" ޝާހިދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން. --- ފޮޓޯ: ރައީސް އޮފީސް

މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ސަރުކާރަށް އަދި އެއް މަސް ދުވަސް ނުވާ އިރު، އެމްޑީޕީގެ ކުރީގެ ސަރުކާރުން ދިން ފްލެޓު ލިސްޓާއި ގޯތި ލިސްޓް ހިފަހައްޓާފައިވާ ކަމަށެވެ. ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތަށް ދޭން ބުނި 200،000ރ. ގެ ހަބަރެއް އަދި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދާދި ފަހުން އިންޑިއާ ސިފައިން ފޮނުވާލާނެ ވާހަކަ (ބުނީ) ބުހުތާނު ދޮގެއް އެއީ. އެމްޑީޕީގެ ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓްތައް ހިންގަން ވަރަށް ގިނަ މުވައްޒަފުން އެކި ރަށްރަށުގައި ނަގާފައިވީ. އެމްޓީސީސީ އަށް، އާރުޑީސީ އަށް، އެމްޑަބްލިއުއެސްސީ އަށް، ފެނަކަ އަށް ނަގާފައިވީ. ޕްރޮޖެކްޓްތައް ހިނގަން އެބަޖެހޭ،" ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ރައީސް މުއިއްޒު އެމްޑީޕީގެ އިސް ބޭފުޅަކަށް މެސެޖްކޮށްލެއްވީމަ، ކެބިނެޓް ވަޒީރުންނަށް ރުހުން ދޭނެ ކަމަށް އެމަނިކުފާނު ހީފުޅު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަނޑާލާ ކޮންމެ މުވައްޒަފަކަށް އަޅުގަނޑުމެން މިތަނުން (ވަޒީރުންނަށް) ރުހުން ދިނުން ހުއްޓާލާނަން. އެކަން ނުކުރެވޭނެ. އެހެންވެ ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ރަށެއްގެ މުވައްޒަފަކަށް ކޮށްފި ކަމަށްވާ ނަމަ ރައީސް މުއިއްޒުގެ ކެބިނެޓު މި ތަނުގެ ތެރެއިން ފާސް ކުރަން ލާހިކު ކުޅަދާނައެއް ނޫން،" ރާއީ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުގައި ބަންޑާރަ ނައިބާ އެކުގައި 22 ވަޒީރުން ތިއްބަވަ އެވެ. އެ ހުރިހާ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލިހަށް ފޮނުވާފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.