ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ފުލުހުންނަށް ދައުވާކުރަން ފޮނުވަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ނިންމައިފި އެވެ.
ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ އެރަށު އަބްދުﷲ ރަޝީދު، މަރުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހު އެވެ.
ރަޝީދު މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒާގެ އާލާމާތްތަކެއް ފެނުމާ ގުޅިގެން އޭނާ ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މަޑަވެލި ސިއްހީ މަރުކަޒުން އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
އާއިލާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އެދުމުން ވެސް ފަރުވާ ނުދީ ލަސްކުރުމުންނެވެ.
މި ތުހުމަތާ އެކު އެންއައިސީން ކުރި ތަހުގީގުގައި ފުލުހުންނަށް ކޮށްފައިވަނީ ފަރުވާކުޑަކުރުމުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތު ކަމަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލާގައި ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާން ނަގާފައިވެ އެވެ. އެކަމަކު ދައުވާކުރަން ފޮނުވީ ކިތައް ފުލުހުންގެ މައްޗަކަށް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުކަން އެސްއައިސީން ނިންމި ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށެވެ.
ރަޝީދު ހައްޔަރުކުރި އިރު އިތުރު ދެ މީހަކު ވެސް ފުލުހުން އެ އޮޕަރޭޝަންގައި ހައްޔަރުކުރި އެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ހޯނޑެއްދޫ އާއި ކައިރި ފަޅުރަށްތަކުގައި ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި ހޯދައިފަ އެވެ.