ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯޑެއްދޫ ސްވެން، އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތްކަން ތަހުގީގުން ހާމަވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރަޝީދު މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒާގެ އާލާމާތްތަކެއް ފެނުމާ ގުޅިގެން އޭނާ ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މަޑަވެލި ސިއްހީ މަރުކަޒުން އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ މިތަހުގީގު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ހޯމް މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ރަޝީދުގެ މަރުގެ މައްސަލާގައި އެކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރެއްވުމަށްޓަކައި ޕޯސްޓް މޯޓަމް ހެދި ކަމަށެވެ. އެކަން ކުރުމަށް ދިމާވި ދަތިތަކާއި ހުރި ގޮންޖެހުންތައް ވެސް މެމްބަރަށް ސާފުވެވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވަނީ އެ ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ރަޝީދު މަރުވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްކަމަށް ތަހުގީގަށް ފެނިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ހިތުން އެކަމުގައި ޔަގީން ކުރަން ބޭނުންވީ ފުލުހުންގެ ސީދާ ޢަމަލެއް އޮވެގެންތޯ ނޫނީ ފުލުހުން އެކަމުގައި އިހުމާލެއް އޮވެގެންތޯ އަބްދުﷲ ރަޝީދު މަރުވުމަށް މެދުވެރިވީ. އެކަމާއި މެދުގައި އަޅުގަނޑުމެންނަށް ފުލުހުންގެ ސީދާ އަނިޔާއެއް އޮވެގެން ނުވަތަ ގަސްތުގައި އިހުމާލެއް އޮވެގެން އެކަން ކުރިކަމަށް، އޭނާ މަރުވުމަށް ދިމާވި ކަމަށް ސާބިތުވާނެ އެއްވެސް ހެއްކެތް އަޅުގަނޑުމެންނަށް ލިބޭކަށް ނެތް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ތުހުމަތެއްކޮށް، ނުވަތަ ވާހަކައެއް ދެކެވުމުން އެކަމުގައި އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުން އެކަން ސާބިތު ނުވާހާ ހިނދަކު ނުވަތަ އެކަން ފެންނަން ނެތްކަމުގައި ވާނަމަ އެކަމުގައި އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.