ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސައި، ފާޓިލިޓީ ކެއާއަށް ހާއްސަ ފަންޑެއް ގާއިމްކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ދަރިމައިވުމާ ގުޅޭ ސިއްހީ ހަރަދުތައް އާސަންދައިގެ ދަށުން ހެދޭގޮތަށް ގަވާއިދު އިސްލާހުކޮށް އެކަމަށް ބޭނުންވާ އުސޫލުތައް ސަރުކާރުން ހަދާނެ ކަމަށެވެ. އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ފާޓިލިޓީ ސެންޓަރު އިތުރަށް ހަރުދަނާކުރައްވާ ދަރިމައިވުމުގެ ސިއްހަތުގެ ދާއިރާ ނުވަތަ އައިވީއެފަށް ހާއްސަ 30 މިލިއަން ރުފިޔާގެ ފަންޑެއް ތަރައްގީކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން ހިދުމަތްދޭ ހޮސްޕިޓަލްތަކުންވެސް އާސަންދަ މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ރާއްޖެއިން ބޭރުގެ މިހިދުމަތްދޭ ހޮސްޕިޓަލްތައް އާސަންދައިގެ ދަށުން ގްރޭޑް ކުރައްވާ އެތަންތަނުންވެސް ހިދުމަތްލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށެވެ.

"އައިވީއެފް، އައިޔޫއައި ހިދުމަތް ދެވޭގޮތް އިއުލާންކުރެވިގެންދާނެ. ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުން ވެސް މި ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދެވިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި އައިވީއެފް އަދި އައިޔޫއައި ހިދުމަތް މިހާރު ފޯރުކޮށްދެނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އާސަންދައިގެ ދަށުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އާސަންދައަށް އެންމެ ބުރަ ބޮޑުވާކަންކަމުގެ ތެރޭގައި ދާއިމީ ބޮޑެތި ބަލިތައް ގިނަވުން ހިމެނޭއިރު ރައީސް ވަނީ އެފަދަ ބަލިތައް ދުރާލާ ދެނެގަނެވޭނެހެން އާސަންދަ މެދުވެރިކޮށް ޑޮކްޓަރުންގެ ލަފާގެ މަތިން އަހަރަކު ދެފަހަރު އެފަދަ ބަލިތަކަށް ޓެސްޓް ހެދޭނެގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ މިހާތަނަށް އޮންނަ ކަމެއް ނޫން، އެގޮތަށް ކަނޑައެޅިގެންނެއް، އެހެނެއް ނޫން މިހާރުވެސް ހަމަ އެކަންކަންމުގައި ހުރޭ ޓެސްޓުތައް ހެދުން. އެހެން ނަމަވެސް އެކި ކަހަލަ ޕެކޭޖްތައް މީގެ ތެރޭގައި ކަނޑައަޅާނަން، މީގެ ތެރޭގައި ޑޮކްޓަރުން މިގޮތަށް ލަފާ ދީފިނަމަ އެ ލަފާގެ މައްޗަށް އަހަރަކު ދެ ފަހަރު، އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދައިދޭނެ.". ރައީސް ވިދާޅުވި އެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިންގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވައިލާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.