ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ 3،000 ފޯމު ހަމަވެއްޖެ އެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3،000 ފޯމު ހަމަވެފައިވާ ކަމަށެވެ. އެކި ރަށްރަށުން ޕާޓީއަށް ސޮއިކުރި މީހުންގެ ފޯމުތައް މިހާރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
ގިނަ ބަޔަކު ޕީއެންއެފްއަށް ވަނުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަން ފާހަގަ ކުރައްވަމުން މަލީހު ވިދާޅުވީ މިހާރު ވެސް ގިނަ ބަޔަކު އެޕާޓީއަށް ސޮއިކުރުމަށް ބޭނުންވެގެން ގުޅަމުން އަންނަ ކަމަށެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގަ އެވެ.
ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި ހުންނަވާނީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީން އެވެ.
ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައީސް ޔާމީނާއި ދެމެދު އުފެދުނު މައްސަލަތަކެއްގަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި އެންމެ ގިނައިން ދެއްކެވީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަތަކެވެ. އަދި, ވެރިކަމަށް ވަޑައިގަތަސް ޔާމީނަކީ މުހިންމު ބޭފުޅަކަށް ވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ދޭ ވޯޓަކީ ޔާމީނަށް ދޭ ވޯޓެއްކަން ސިފަވާ ގޮތަށް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.
އެހެން ނަމަވެސް އިންތިހާބު ކާމިޔާބު ވުމަށް ފަހު ރައީސް ޔާމީން ކުރައްވާ މެސެޖަކަށް ރައީސް މުއިއްޒު ޖަވާބު ނުދެއްވާ ކަމަށް ރައީސް ޔާމީން ވަނީ. ވިދާޅުވެފަ އެވެ.