ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި، ތުރުކީގެ ވެރިރަށް އަންކާރާގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމަށް ނިންމަވައިފި އެވެ.

ރައީސް މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

މިގޮތުން، މި ނިންމެވުން ނިންމެވީ، ތުރުކީއަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ (އެސެންޝަލް ކޮމޯޑިޓީސް) ދިވެހިރާއްޖެއަށް އެތެރެކުރާ ގައުކަމަށްވުމާއި، ރާއްޖެއަށް އެތެރެކުރަންޖެހޭ އެހެނިހެން މުހިންމު ސާމާނުވެސް ފަސޭހަކަމާއެކު ލިބެން ހުރި ގައުމަކަށް ވާތީ އެވެ. އަދި ހަމައެހެންމެ ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތައް ތުރުކީއަށް އެކްސްޕޯޓު ކުރުމަށް ވެސް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުން މީގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ޙާސިލުކުރުމަށް ތުރުކީއަށް ދިއުމާއި، އެ ގައުމަށް ދާ ދިވެހި ފަތުރުވެރިންގެ އަދަދުވެސް ވަރަށް ބާރު ދުވެލީގައި އިތުރުވަމުން ދިއުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީ ގާއިމުކުރުމުން ކޮންސިއުލާ ހިދުމަތްތައްވެސް ފަސޭހައިން ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ އަންކާރާގައި އެންބަސީ ގާއިމް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަކާ، ޚާރިޖީ ދާއިރާއިން ކުރައްވަންޖެހޭ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާކަމަށެވެ.

"މިއަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ވަރަށް ގިނަ އަދަދަކަށް ތުރުކީވިލާތަށް ދިވެހިން ޒިޔާރަތްކޮށް ދަތުރުކޮށް ހަދާ، އަދި ހަމައެހެންމެ، ވިޔަފާރީގެ އެކި ބޭނުންތަކާއި ތައުލީމުގެ އެކި ބޭނުންތަކަށް ވެސް ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން،" ފިރުޒުލް ވިދާޅުވި އެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1979 މޭ 28 ގަ އެވެ

ބޭރުގެ އެކި ގައުމުތަކުގައި ދިވެހިރާއްޖޭގެ 15 އެމްބަސީ/ ހައިކޮމިޝަން ހުރެ އެވެ. މީގެތެރެއިން ހައިކޮމިޝަން ހުންނަނީ ކޮމަންވެލްތު ގައުމުތަކުގަ އެވެ. މީގެ އިތުރުން ޖެނިވާއާއި ނިއުޔޯކުގައި ދިވެހިރާއްޖޭގެ ޕާމަނަންޓް މިޝަން ހުރެ އެވެ. އަދި އިންޑިޔާގެ ޓްރިވެންޑްރަމްގައާއި، ސައުދީ އަރަބިއްޔާގެ ޖިއްދާގައި އެމްބަސީގެ އިތުރުން ދިވެހިރާއްޖޭގެ ކޮންސިއުލޭޓްވެސްވަނީ ގާއިމްކޮށްފައިވެ އެވެ.