ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ފަށާފައިވާ މަސައްކަތް ހުއްޓުވިޔަ ނުދިނުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ މާލެ ސިޓީގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުމަށް ރޭ އެމްޑީޕީގެ ސޯސަން ޖަގަހަ ކުރިމަތީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމަން އެމްޓީސީސީގެ ކުރީގެ ސީއީއޯ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ކުރިއަށްގެންދިޔަ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ބިމާއި ފްލެޓް ލިބުނު ފަރާތްތައް މަގުމަތިވިޔަ ނުދެއްވާނެ ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ހައްގުވެރިންނަށް ބިމާއި ފްލެޓް ޔަޤީން ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވަނީ ބައިވެރިވެފައި

އޭނާ ވިދާޅުވީ އާ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއެއްގެ ގޮތުގައި ޕްލޭންކޮށްފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކުމަކީ "މިވަގުތަށް އޮޕްޝަނެއް ނޫން" ކަމަށެވެ. މި ވަގުތު އިސްކަން ދޭންވީ މިހާރު ހިއްކާފައި އަދި ހިއްކަމުން އަންނަ ތަންތަން ތަރައްގީކުރުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި ވަގުތު އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތަކީ ހިއްކާފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގުތަކާއި ހޮސްޕިޓަލާއި މިސްކިތާއި ސްކޫލާ އަޅާފައި އެތަނަށް މީހުންނަށް ދެވޭ ގޮތް ހަދައިދޭންވީ. އެއީ ކުރަންވީ ކަމަކީ. އެއްގޮތަށް ވެސް އަނެއްކާ އަނެއް 30 އަހަރު މިތަނުގައި މީހުން ގަނަތަޅުވަން ބައިތިއްބަންވީ ކީ ނޫން،" އާޒިމް ވިދާޅުވި އެވެ.

އާ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ބަޖެޓްގައި ހިމެނި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓް ކޮމިޓީގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ބޭނުންވެގެން ބަޖެޓުން މިދިޔަ ހަފުތާގައި ވަނީ އުނިކޮށްފަ އެވެ.

އާޒިމް ވަނީ އޭނާގެ މޭޔަރުކަމުގެ ދަށުން މާލެ އަށް އޭނާ ގެންގުޅުއްވާ ތަސައްވުރާ ގުޅޭ ގިނަ ކަންކަން ރޭގެ ޖަލްސާގައި ހިއްސާކުރައްވައިފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ސޯލިހާއި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމް

އާޒިމް ވިދާޅުވީ އޭނާ ތަނެއް ހިންގަން ހަވާލުމަށް ފަހު އެންމެ އިސްކަމެއް ދެނީ އެތަނެއް ޓްރާންސްޕޭރެންޓް ކުރުމަށް ކަމަށާއި އެކަމަގެ ސަބަބުން ތަން ކުރިއަރައިގެން ދާނެ ކަމަށެވެ. މާލޭ ސިޓީ ކައުންސިލް ހިންގަނީ ދައުލަތުން ބަޖެޓުން ދީގެން ކަމަށާއި އެތަނުގައި ހުރީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށް ވާތީ، ދެފުށްފެންނަ ގޮތަށް ކަންކަން ކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ވިސްނައިގެން ޕްލޭންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްކުރާ މީހެއް. އަޅުގަނޑުގެ ޓްރެކް ރެކޯޑަށް ރައްޔިތުންގެ އިތުބާރު އެބައޮތް. އެންމެން ވެސް އަޅުގަނޑަށް ކަންތައްތައް ކުރެވޭނެ ކަމަށް އިއްތިފާގުވޭ،" ކުރީ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯ ކަން ކުރެއްވި އާޒިމް ވިދާޅުވި އެވެ.

މޭޔަރުކަމަށް އާޒިމް ވާދަކުރައްވަނީ "ފެހި ތަނަވަސް މާލެ" އަކަށް މާލެ ހެއްދެވުމުގެ ސްލޯގަންގެ ދަށުންނެވެ.