ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން ދިން ލުޔެއް ނެތް ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއި ކުރުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ހަފްލާގައި މަލީހް ވިދާޅުވީ ޔާމީން އަދިވެސް ހުންނެވީ ޖަލު ބަންދެއްގައި ކަމަށާއި އެމަނިކުފާނު ލޯބިވާ ރައްޔިތުންނާ މުހާތަބް ކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ. ނަމަވެސް ޔާމީން ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"(ޔާމީން ހުންނެވީ) ރައްޔިތުންގެ ހައްގުގައި، ދިވެހި ގައުމުގެ ހައްގުގައި، އިސްލާމް ދީނުގެ ހައްގުގައި ސާބިތުކަމާއެކު ދިވެހި ރައްޔިތުންނާ އެކު ކުރިއަށް ވަޑައިގަތުމުގެ ފުރިހަމަ އަޒުމާއި ހިތްވަރާ އެކުގައި ކަން އަޅުގަނޑު ފާހަގަ ކުރަން،" މަލީހް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ އާ ސަރުކާރަށް ހަފްތާއެއް ފަހުން އެއް މަސް ވެގެންދާ އިރު، ސަރުކާރުން ޔާމީނަށް ދެވޭނެ ލުއިތައް ހުންނާނެ ކަމަށެވެ. މިދިޔަ ސަރުކާރުގައި ޔާމީނަށް ދިން ލުއިތަކަށް ވުރެ އިތުރު ލުއިތަކެއް ލިބިގެން ނުދާ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.
ޔާމީން ޖަލުގައި ހުންނަވަނިކޮށް، ވެރިކަން ބަދަލުވުމާ އެކު ގެއަށް ބަދަލުކުރި ފަހުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ސިޔާސީ ބައްދަލުވުންތައް ދިޔައީ ބާއްވަވަމުންނެވެ. ނަމަވެސް، އެއީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމަކަށް ވުމުން ކަރެކްޝަންސް އިން އޮތީ އިގުރާރާ ހިލާފުވާ ނަމަ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ކުރީގެ ސަރުކާރުން ޔާމީން ގެއަށް ބަދަލު ކުރީ އިގްރާރެއްގައި ސޮއިކޮށްފައި ލުއިތަކެއް ދިނުމަށް ފަހުގަ އެވެ. އެ ދިން ލުއިތަކުގެ ތެރޭގައި ބޭސްފަރުވާ އަށް ގެއިން ބޭރަށް ނުކުތުމާއި ކަސްރަތު ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.
މަލީހް ވިދާޅުވި ގޮތުގައި ޕީއެންއެފަކީ ޔާމީންގެ ޕްރޮޑަކްޓެކެވެ. އެމަނިކުފާނު ރާއްޖެ އަށް ގެނެސް ދެއްވުމަށް ބޭނުންފުޅުވާ ތަރައްގީ އަދި ގެނެސް ދެއްވަން ބޭނުންފުޅުވާ އުސޫލުތަކާއި ސިޔާސަތުތައް އޭގެ އެންމެ ފުންމިނުގައި ސައްތައިން ސައްތަ އަށް ހާސިލްކޮށް ދިނުމުގެ މަގްސަދުގައި އުފައްދާ އާ ސިޔާސީ ޕްލެޓްފޯމަކީ ޕީއެންއެފް ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.
"އެއީ އެމަނިކުފާނު (ޔާމީން) ގެ ޕްރޮޑަކްޓެއް. މިއީ އެމަނިކުފާނުގެ ސިޔާސީ ޕާޓީ. މިއީ އާ ޕީޕީއެމް. މިއީ އާ ޕީއެންސީ ކަން އަޅުގަނޑު ފާހަގަ ކުރަން،" މަލީހް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ މައްސަލަ އާއި ކަނޑުތައް ވިއްކާލުމުގެ މަައްސަލަ އާއި ބޭރު ގައުމުތަކާ އެކީގައި ހަދާފައި ހުރި އަސްކަރީ އެއްބަސްވުންތަކުގެ މައްސަލަ އާއި ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ސަރުކާރުން ހަނދާން ނެތިފައިވާ ކަމަށެވެ. އެހެންވެ، ޕީއެންއެފްގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ރައްޔިތުން ކަންބޮޑުވާ މައްސަލަތަކުގައި ވަކާލާތުކޮށް ސާބިތުކަމާއި ކެރުންތެރިކަމާ އެކުގައި މަސައްކަތް ކުރުން ކަމަށް މަލީހް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ ޕީއެންއެފް ކުރިއަށް ދާނީ ޔާމީންގެ ފުރިހަމަ ބާރާއި ކޮންޓްރޯލާއި ސިޔާސަތުގެ ދަށުން ކަމަށެވެ.
ތަމެންގެ ލަދުހަޔާތް ކޮބާތޭ ރައީސް ޔާމީން މިނިވަންކުރާނަމޭ ބުނެ މިހާރު އެފަކީރާއި ދެކޮޅަށް ފިޔަވަޅު އަޅާނަމޭ ބުނާއިރު ތަމެން ވެރިކަމަށް ފާވީ އެއީ ރައީސް ޔާމީން އެންޑޯރޒް ކުރި ކެންޑިޑޭޓް އެނަން ބޭނުން ކޮށްގެން ނޫންތޭ ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށްދޭބަލަ ދެން މިހާރު ނޫހުގައި ތިބި މީހުންނަށް ފައިސާ ދީގެން ރައީސް ޔާމީން ކާންބޯން ކުރާ މަސައްކަތަށް މިހާރު ނޫހުގައި އުޅޭ ބޮޑެތި މީހުން ހުރަސް އަޅާތީވެ ސީދާ ޕީއެންއެފް އިން ރަސްމީ ކޮށް މިހާރު ނޫސް ބޮއިކޮޓް ކުރަން މަމެން ގޮވާލަމޭ