ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސީޕީގެ މަގާމު އަދާކުރެއްވި ހުސައިން ވަހީދު އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅުއްވައިފި އެވެ.
ސީޕީ ހުސައިން އަމިއްލަ ގޮތުން މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވީ އޭނާ އެންމެ ފަހުން ސޮއިކުރެއްވި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަދި ރަޖިސްޓްރީކޮށްފައި ނުވާތީ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕާޓީ ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ދިން ހުއްދައާ އެކު އެޕާޓީއަށް 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަމިއްލަ ގޮތުން ވާދަކުރައްވަން ހުސައިން ފޯމް ހުށަހެޅުއްވުމާ ގުޅިގެން އީސީން ވަނީ ފޯމް ބަލައިގެންފަ އެވެ.
މޭޔަރުކަމަށް ދެން ކުރިމަތިލާފައިވަނީ ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި އެމްޑީޕީގެ ފަރާތުން ކުރީގެ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އެވެ. އަދި އަމިއްލަ ގޮތުން ފުރަހަނި ޝުއައިބު ވެސް ވާދަކުރައްވަ އެވެ.
މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. މެމްބަރުންގެ ގޮނޑިތައް ހުސްވީ ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމުންނެވެ.
މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރުގެ މަގާމާއި، މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.