ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށް އުމުރުން 59 އަހަރުގެ ތޯމަސް ޑަސް ނަމަކަށް ކިޔާ މީހެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރި ގޮތުގައި ތޯމަސް ކުއްލިއަކަށް ހޭނެތިގެން ގޮޅީތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފަ އެވެ. އަދި މާފުށީ މެޑިކަލް ސެންޓަރަށް ގެންގޮސް ބެލުމަށްފަހު ވެސް ނޭވާ ނުލުމުން، އޭނާ ހިތްހުއްޓިގެން މަރުވީ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފައިވެ އެވެ.

ތޯމަސްއަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ކަރެކްޝަން ސާވިސްއިން ބުނީ އޭނާ މަރުވުމާ ގުޅިގެން އެ އިދާރާ އިން ވާނީ ވަގުތުން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުން އަދި އެޗްއާރުސީއެމާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އެކަން އަންގާފައި ކަމަށެވެ.