ޝާހްރުކް ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު "ޑަންކީ" ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނައިރު އޭނާގެ ސަޕޯޓަރުން ވެސް އަންނަނީ އެކަމަށް ހާއްސަ ތައްޔާރީތަކެއް ވަމުންނެވެ.

އެގޮތުން ޝާހްރުކްޚާންގެ ފޭން ޕޭޖެއް ހިންގާ ފަރާތަކުން އަންނަނީ އިންޑިއާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ޑަންކީ" ދެއްކުމުގެ ކަންކަން ހަމަޖައްސަމުންނެވެ.

"ޓީމް ޝާހްރުކް ޚާން ފޭން ކްލަބް"ގެ ނަމުގައި ހިންގާ އެކްސްގެ އެކައުންޓުގައި އެ ފޭން ޕޭޖުން ބުނެފައިވަނީ އިންޑިއާގެ 240 ސަރަހައްދެއްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 ތަނެއްގައި ވެސް ފިލްމު ދެއްކުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.

އެ ފޭން ޕޭޖުން ބުނީ އެ މީހުންގެ އަމާޒަކީ ޑަންކީއަކީ ވެސް ޝާހްރުކް ޚާންގެ ފާއިތުވި ދެ ފިލްމު ޕަތާން އަދި ޖަވާން ފަދައިން އޯލް ޓައިމް މެގަބަސްޓާއަކަށް ހަދައިދިނުން ކަމަށެވެ.

ޝާހްރުކް ޚާންގެ އިތުރުން ތާޕްސީ ޕަންނޫއާއި ވިކީ ކައުޝަލް މުހިއްމު ރޯލުތަކުން ފެނިގެންދާ ޑަންކީއަކީ އުޖާލާ ދިރިއުޅުމަކަށްޓަކައި އިންޑިއާ ދޫކޮށް ބޭރުގެ ގައުމަކަށް ހިޖުރަކުރި މީހެއްގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.

"ޑަންކީ" އާއްމުކޮށް ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. މިހާރުވެސް އެ ފިލްމުގެ އެޑްވާންސް ބުކިންގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.