އިނގިރޭސި ވިލާތުގައި އަލަށް އުފަންވާ ފިރިހެން އަދި އަންހެން ކުދިންގެ ނަމުގައި އެންމެ ގިނައިން ބޭނުން ކުރެވެނީ އިސްލާމް ދީނުގައި މާތް ކުރައްވާފައިވާ ނަމެއް ކަމަށްވާ "މުހައްމަދު" ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ "ދަ މިރާ"އިން އާއްމުކޮށްފައިވާ އެ ތަފާސް ހިސާބުތަކުގައި ކޮންމެ ޖިންސަކަށް ވެސް އެންމެ ގިނައިން ބޭނުން ކުރެވޭ 100 ނަން ހިމަނާފައިވާއިރު އޭގެ ތެރޭގައި 25 ވަރަކަށް މުސްލިމް ނަން ހިމެނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިނގިރޭސި ވިލާތުގެ ޣައިރު މުސްލިމުން ވެސް އެމީހުންގެ ދަރިންނަށް މުސްލިމް ނަންތައް ކިޔުން މިހާރު ދަނީ އާއްމު ވަމުންނެވެ.

"މުހައްމަދު"ގެ އިތުރުން އެ ލިސްޓުގައި ހިމެނިފައިވާ އެހެން މުސްލިމް ނަންތަކުގެ ތެރޭގައި "އަލީ"، "އިބްރާހީމް"، "ޔޫސުފް"، "އުމަރު" އަދި "ޒައިން" ހިމެނެ އެވެ.

އަންހެން ކުދިންނަށް ބަލާއިރު އެންމެ މަގްބޫލު މުސްލިމް ނަމަކީ "ލައިލާ" އެވެ. އެ ނަން އޮތީ މުޅި ލިސްޓުގެ 31 ވަނައިގަ އެވެ. އަންހެން އެހެން ނަންތަކަށް ބަލާއިރު "ނޫރު"، "ފާތިމާ"، "އައިޝާ"، "މަރްޔަމް" އަދި "ޒަޔާ" ހިމެނެ އެވެ.

މިއިން ވެސް އެނގިގެންދަނީ މުޅި ދުނިޔޭގައި އިސްލާމްދީނުގެ ނުފޫޒު ފެތުރިފައި އޮތް މިންވަރެވެ. އަދި އިސްލާމް ދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ މިންވަރެވެ.