ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޮގްރަފީ ސާވޭ ހެދުމަށް އިންޑިއާއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ނިންމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ނިންމަވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ހަފްތާ 14ގައި އެންމެ އިސްކަން ދެއްވާފައިވާ އެއްކަމަކީ ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުން ކަމަށެވެ. ސަރުކާރުން މީގެ ކުރިން ހާމަ ކުރައްވާފައިވާ ގޮތުގައި ސިޔާސީ ގުޅުންތަކާއި ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން މިދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާbއާއި ދިވެހިރާއްޖެއާ ދެމެދު ގާއިމު ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުތަކުގެ ސާރވޭކުރުމަށް ވެފައިވާ ހައިޑްރޮގްރަފީ ސަރވޭ އެއްބަސްވުމެވެ.

ފިރުޒުލް ވިދާޅުވީ އޭގެތެރެއިން ހައިޑްރޯގްރަފީ ސާވޭގެ އެއްބަސްވުން ބަޔާންކުރާގޮތުން އެ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުކަމަށެވެ. އެއްބަސްވުން ބަޔާންކުރާގޮތުގައި އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން ހަ މަސް ދުވަހުގެ ކުރިން އެގައުމަށް އަންގަން ޖެހޭކަމަށާއި، އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އާވެގެންދާ ކަމަށެވެ. އެ އެއްބަސްވުން އާ ނުކުރުމަށް މި ސަރުކާރުން ނިންމަވައި އެކަން މިހާރު އިންޑިއާއަށް އަންގަވާފައިވާކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

"މި އެއްބަސްވުމުގައިވާގޮތުން މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ހަ މަސް ދުވަހުގެ ކުރިން އެއްބަސްވުން ކުރިއަށްގެންދަން ބޭނުން ނުވާކަމަށްވާނަމަ މި އެއްބަސްވުމުގައި ހިމެނޭ އަނެއްފަރާތަށް އަންގަންޖެހޭ. އެހެންނޫނަކަމށްވާނަމަ އޮޓޯއިން އެ އެއްބަސްވުން އިތުރު ފަސްއަހަރަށް އިތުރުވެގެންދާގޮތަށް އެއްބަސްވުމުގެ މާއްދާތައް ހިމެނިފައިވަނީ. އެހެންވީމަ 7 ޖޫން 2024ގެ ކުރިއަށް 6 މަސް ދުވަސް ފާހަގަވެގެންދާގޮތަށް މިހާރުވަނީ އެ އެއްބަސްވުން ކުރިއަށްގެންދަން ބޭނުންނުވާކަން އެއްބަސްވުމުގަ ހިމެނޭ އިންޑިއާއާ އެކަން ހިއްސާކުރެވިފައި،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ މި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން، އޭގެ އެއްވެސް ބަދަލެއް އިންޑިއާއަށް ދޭން ނުޖެހޭކަމަށެވެ.

ފިރުޒުލް ވިދާޅުވީ މި ނިންމެވުން ނިންމެވީ ރައީސް މުއިއްޒު ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އަދި މި މައުލޫމާތަކީ އެމްއެންޑީއެފްގެ އެތެރޭގައި އިތުރު އެއްވެސް ފަރާތެއްގެ އެހީއާއި ނުލާ ރައްކާކުރެވިފައި ހުންނަން ޖެހޭ މައުލޫމާތު ކަމުން އެކަން ކުރުމަށް ބޭނުންވާ ގާބިލުކަން އެންޑީއެފްގައި އިތުރު ކުރަން ޖެހޭ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އެގޮތުން އެމްއެންޑީއެފްގައި ހައިޑްރޯގްރަފީގެ ގާބިލުކަން ގާއިމުކުރުމަށް ބަޖެޓުގެ ތެރެއިން ހާއްސަ މިންވަރެއް ކަނޑައަޅާ ފިނޭންސް މިނިސްޓްރީން އެ ބަޖެޓު ހަމަޖެއްސުމުން އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ހައިޑްރޯގްރަފީ ސާވޭ ހަދަން މީގެ ކުރިން ރާއްޖެއަށް އައި އިންޑިއާ ނޭވީގެ މަނަވަރެއް

"މި ވިސްނުންފުޅުގައި މި ނިންމުން ނިންމުމާއި އެކުއެކީގައި އެމަނިކުފާނު ވަނީ އެމްއެންޑީއެފްގައި މި ޤާބިލްކަން އިތުރުކުކޮށް ޤާއިމް ކުރުމަށްޓަކައި، ބަޖެޓުގެ ތެރެއިން ހާއްސަ މިންވަރެއް ކަނޑައަޅުއްވައި، ފިނޭންސުން އެ ބަޖެޓު ހަމަޖައްސަވާ އެ ޤާބިލްކަން ޤާއިމް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ތެރޭގައި ފެށިގެން ކުރިއަށް އެބަދޭ" ފިރުޒުލް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުތަކުގެ ސިފަތަކާއި ކަނޑުގެ ދިރުންތައް ދެނެގަންނަން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއް ގާއިމްކުރީ 8 ޖޫން 2019ގަ އެވެ.

އެ އެއްބަސްވުމުގައި އެމްއެންޑީއެފްގެ ތެރޭގައި ހައިޑްރޯގްރަފީއަށް ހާއްސަ އޮފީހަކާއި ވަސީލަތްތައް ވެސް ގާއިމްކޮށްފައިވެ އެވެ.

ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސާވޭގައި މިހާތަނަށް ބޮޑު ސަރަޙައްދެއް ބަލައި ނިމިފައިވާކަމަށް ކުރީ ސަރުކާރުން ހާމަކުރައްވާފައިވެ އެވެ.