ސަރުކާރުގެ ހަރަދުގައި ބޯން މެރޯ ހަދާ ފުރަތަމަ ކުއްޖާ އެ ފަރުވާ ހޯދުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާއަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން މިހާރު ހާސިލުވެފައިވާ ކަންތައްތަކާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ އޮފީހުގެ އަންޑަސެކެޓްރީ ފޮ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ 'ހަފްތާ 14' މަގުޗާޓުގައި ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެމުން އަންނަ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމާއި ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދޭން ކަނޑައެޅި އަމާޒު ހާސިލުކޮށްފައިވާ ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން މި ވައުދު ފުރިހަމަކުރަން ކުރަން ކަނޑައެޅި ކަންތައްތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުން މިއަދު ބޯން މެރޯ ޓްރާންސްޕްލާންޓަށް އެއް ކުއްޖަކު ފުރާފައިވާ. އަދި ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި އިތުރު ކުއްޖަކު ވެސް މި ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ފުރައިގެންދާނެ." ފިރުޒުލް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން.

ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ. އެގޮތުން ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ހާއްސަކޮށް ހޮސްޕިޓަލެއް ގާއިމުކުރުމަށްޓަކައި، އެ ހޮސްޕިޓަލްގެ ޑިޒައިން އާއި އެހެނިހެން އެޑްމިނިސްޓްރޭޓިވްގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާތަކެއް ވަނީ ފަށައިފަ އެވެ.

އަދި ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ދަށުން އެސްޓީއޯ އިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ސަރުކާރުން ވަނީ ހަމަޖައްސަވައިފަ އެވެ. މި އިންތިޒާމްގެ ތެރެއިން މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބިގެންދާނެ އެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެ އެވެ.