އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް 350 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 354 ފޯމު ހުށައަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 10 ދާއިރާއަކުން އެއް ފަރާތްތަކުން ފޯމު ހުށައަޅާފައިވާތީ އެފަރާތްތަކަށް ޓިކެޓް ކަށަވަރުވެފައިވާ ކަމަށްވެސް އެކޯލިޝަނުން ބުންޏެވެ.

މިހާތަނަށް ޓިކެޓު ކަށަވަރުވެފައިވާ ދާއިރާތައް

ފޮނަދޫ ދާއިރާ - ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ

އޭދަފުށި ދާއިރާ - އެދާއިރާގެ މިހާރުގެ މެންބަރު އަހްމަދު ސަލީމް

ބާރަށު ދާއިރާ - ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާޢު

މަހިބަދޫ ދާއިރާ - އެ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް

ގަލޮޅު ދެކުނު ދާއިރާ - އެ ދާއިރާގެ ކައުންސިލަރު އިބްރާހީމް މުޙައްމަދު

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ، މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ކޯލިޝަނުން ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިހާބެކޭ އެއްގޮތަށް، މަޖިލިސް އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ. ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުވެސް ވަނީ މަޖިލީހުގެ "ސުޕަ މެޖޯރިޓީ" ނެގޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށް ވިދާޅުވެފަ އެވެ.