ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެއަށް ގެނައުމުގެ ހުއްދަ އަލުން ސަރުކާރުން ދީފި އެވެ. މިހުއްދަ އަލުން ސަރުކާރުން ދީފައިވަނީ ހަތަރު އަހަރު ފަހުންނެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކުރި އިއުލާނެއްގައި ބުނީ މި ހުއްދަ ދޭން ފެށުމާ އެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށެވެ. އެކަމަކު މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމާ އެކުގަ އެވެ.

ބަންގްލަދޭޝް ލޭބަރުން ގެނައުން މަނާކުރުމާއެކު އިންޑިއާ، ސްރީލަންކާ އަދި ނޭޕާލުން ލޭބަރުން ގެނައުން ވަރަށް ބޮޑަށް އިތުރުވި އެވެ. އެދުވަސް ވަރު އެންމެ ގިނައިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ މީހުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފަށައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.