މި ނިމިގެންދިޔަ އަހަރާއި މި އަހަރު ވެސް ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމަކީ ރީހިތު ޝެޓީ ޑައިރެކްޓްކޮށް، އަކްޝޭ ކުމާރް ލީޑު ރޯލުން ފެނިގެންދާ "ސޫރްޔަވަންޝީ" އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކުރުމާއެކު ގިނަ ފިލްމުތަކެއްގެ މަސައްކަތް މަޑުޖެހުނުއިރު އޭގެ ތެރޭގައި މި ފިލްމު ވެސް ހިމެނުނެވެ.

އޭގެ ފަހުން ސިނަމާތައް ހުޅުވާލަން އިންޑިއާ ސަރުކާރުން ނިންމިއިރު ހުއްދަ ދީފައި ވަނީ ހަމައެކަނި 50 އިންސައްތަ ކެޕޭސިޓީގައި ހިދުމަތް ދިނުމަށެވެ. މިކަމާ ގުޅިގެން ފިލްމު އުފައްދާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ވިޔަފާރިއަށް އަސަރުކުރާނެ ކަމަށް ބުނެ ފިލްމުތައް އެޅުވުން ހުއްދަކުރި އެވެ.

ގިނަ ބައެއްގެ އެދުމުގެ މަތިން މިހާރު އިންޑިއާ ސަރުކާރުން މިވަނީ ފުލް ކެޕޭސިޓީގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފަ އެވެ. އެއާއެކު ފުނިޖެހިފައި ހުރި ގިނަ ފިލްމުތައް މަޑު މަޑުން ސިނަމާތަކަށް އަންނަން މިވަނީ ފަށާފަ އެވެ.

އިންޑިއާގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ސޫރްޔަވަންޝީ ނެރުމަށް ހަމަޖެހިފައި ވަނީ އެޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ.

މިކަން ރަސްމީ ކޮށް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި އެކަން އިއުލާނު ކުރެވިގެންދާނެ އެވެ.

މި ފިލްމުގައި އަކްޝޭގެ އިތުރުން ކެޓްރީނާ ކެއިފް، ޖެކީ ޝްރޮފް، ޖާވިދް ޖާފްރީ އަދި ސިކަންދަރް ކޭރު ވެސް ފެނިގެންދާނެ އެވެ.

މިގެ ކުރިން މި ފިލްމު ނެރުމަށް ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުުގެ މެއި މަހުގެ 24 ވަނަ ދުވަހުގަ އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ސިނަމާތައް ބަންދުކުރުމުން ފިލްމު އެޅުވުން ވަނީ ފަސްކޮށްފަ އެވެ.