މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި "ސަންގު ޓީވީ" އިން މިރޭ ބާއްވާ ބަހުސްގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ސަންގު ޓީވީން ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު އެޕިސޯޑަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބަހުސް މިރޭ 9:15 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީން ބުނީ ސަންގު ޓީވީ އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖައްސާފައިވާ ބަހުސްގައި އާޒިމް ބައިވެރިނުވާނެކަން އެ ސްޓޭޝަނަށް އެންގި ސަބަބަކީ ސަންގު ޓީވީ ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑަރޭޓަރެއް ބަހައްޓައިދިނުމަށް އެދިފައިވުމާއެކު ވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމުން ކަމަށެވެ.

އިންތިހާބު އޮންނަ ދުވަސް މިހާ ކުޑަތަންވެފައި ވަނިކޮށް ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި ތާށިވުމަކީ ކެމްޕޭނުގައި ދެން ކުރަން ހުންނަ ކަންތައްތަކަށް އަސަރުކުރާނެ ކަމެއް ކަމުގައި އެމްޑީޕީން ބުންޏެވެ. ސަންގު ޓީވީގެ ބަހުސްގައި ބައިވެރިނުވި ނަމަވެސް އަންނަ މަހުގެ 6 ގައި ޕީއެސްއެމް އިން ބާއްވާ ބަހުސްގައި އާޒިމް ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި އެމްޑީޕީން ބުންޏެވެ.

މާލޭގެ މޭޔަރު ކަމަށް ދެން ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި އެމްޑީޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ޝުއައިބު އަލީ އެވެ.

މީގެތެރެއިން ހުސެއިން ވަހީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އިންތިހާބަށް ނުކުންނަވާ ކެންޑިޑޭޓެވެ.