ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަ ހައްޖު ޖާގައަށް އެދި ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ފުރުސަތު އަލުން ހުޅުވާލީ 1445 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ގެންދިޔުމަށް ލިބޭ ހއްޖު ކޯޓާ އެއްކޮށް އެ ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި އުސޫލުގެ ދަށުން މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހާ ހަމައަށް ހައްޖު ކޯޕަރޭޝަންގެ ހައްޖު ޖާގަ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ, ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ މީހުން ހާއްސަ ޖާގައަށް އެދި ހުށައެޅުމަށް ހުޅުވާލާކަމަށެވެ. މިގޮތުން ހުށައެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށްކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އަދި ހާއްސަ ޖާގައަށް އެދި ނޮވެމްބަރު މަހުގައި އެދުނު ފަރާތްތަކުން އަލުން ފޯމު ހުށައަޅަން ނުޖެހޭނެ ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.

ހާއްސަ ޖާގަތަކަށް އެދި ހުށައަޅާއިރު ހުށައަޅަންވާނީ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ހާއްސަ ޖާގައަށް އެދޭ ފޯމާއެކުގައި ކަމަށެވެ. މިފޯމް ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓުގައި ހުންނާނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. ހަމައެއާއެކު ބަލި މީހާގެ ހެލްތު ސެޓްފިކެޓްތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށައަޅަންޖެހެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން %5 އަކީ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނަށް ހާއްސަ ޖާގަ ކަމަށެވެ.