މި މައްސަލަ ދިރާސާ ކުރަން ކޮމެޓީއެއް އެކުލަވާލާ އެ ކޮމެޓީގެ ވެރިއަކަށް ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ހަމަޖައްސަވަައިފަ އެވެ. ރައީސް ސޯލިހު މޮރިސަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ.

ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދުމަށް ލިއުންތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުން ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކޮށްގެން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތުން މި މައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި، އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ދަނީ ކުރަމުން ކަމަށެވެ. އަދި މި މައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަން އާއި އަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެ އާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.

އަދި މި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މި މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަ ނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފަ އެވެ. އެކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ، ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް އާއި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަޙުމަދު މުޖުތަބާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަޙްމަދު ޝިއާން އެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލްގެ ބެއްލެވުމުގެ ދަށުންނެވެ. މި ކޮމިޓީގައި މުހައްމަދު އަނިލް މަސައްކަތް ކޮށްދެއްވަނީ އެއްވެސް އަގެއް ނުނަންގަވާ ގޮތަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް

މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ކުރީގެ ރައީސް ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިހާރު ވާނީ ބަންޑާރަ ނައިބު އޮފީހާ ހިއްސާކޮށްފަ އެވެ.

ކުރީގެ ރައީސް ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި، 22 ސެޕްޓެމްބަރު 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ކުރީގެ ރައީސް ސޯލިހަށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއް ވެސް ބަންޑާރަނައިބުގެ އޮފީހާ ވާނީ ހިއްސާކޮށްފަ އެވެ. ކުރީގެ ރައީސް ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީއަށް ބަލާއިރު، އެ ސިޓީއަކީ 24 ޖޫން 2022ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތުގެ ހެޑްސް އޮފް ގަވަރމަންޓް މީޓިންގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ކުރީގެ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަކަށް ހަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެއް ކަމުގައިވީ ނަމަވެސް، މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް ސޯލިހު އާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން މި އޮފީހުގެ ރެކޯޑްތަކުން ފެންނާކަށް ނެތެވެ. އަދި އދ. ގެ ޖެނެރަލް އެސެމްބްލީގެ "އެޑްވައިސޮރީ އޮޕިނިއަން އޮފް ދަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާރޗެޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ރިޒޮލޫޝަން އަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހިރާއްޖެއިން ވޯޓުދޭނެ ކަމުގެ ޔަޤީންކަމާ ގުޅިގެން، ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސްގެ ފަރާތުން އިޢުތިރާޟެއް (objection) ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނޭކަމަށް އުއްމީދު ކުރައްވާކަމުގައި، ކުރީގެ ރައީސް ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ބަޔާންކުރައްވާފައިވީ ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން މި އޮފީހުގެ ރެކޯޑްތަކުން ފެންނާކަށް ނެތެވެ.

ކެބިނެޓު ބައްދަލުވުމުއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވެވަޑައިގަންނަވަނީ.

ކުރީގެ ރައީސް ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގައިވާ ޢިބާރާތަށް ބަލާއިރު، ދިވެހިރާއްޖެއިން މޮރިޝަސްއަށް މި ސިޓީ ފޮނުވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ކަމުގައިވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ކުރިޔަށްގެންދާ ދިރާސާތަކާއި، މި މައްސަލައިގައި އައްޔަނުކޮށްފައިވާ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިޢާޔަތްކޮށް، ނިމިދިޔަ ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުއްވާފައިވާ ގާނޫނީ ޕޮޒިޝަންއާއި ޢަމަލުކުރައްވާފައިވާގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސް އަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނާއިބު ވަނީ ނިންމަވާފަ އެވެ. އަދި މިމަސައްކަތް ނިމުމުން މިކަމާބެހޭ މައުލޫމާތު ޢާންމުކުރުމަށް ވެސް ބަންޑާރަނައިބު ވަނީ ނިންމަވާފަ އެވެ.

ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯން ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި މިކަމުގައި މި އޮފީހުންނާއި ދިވެހި ދައުލަތުން ފުރިހަމަ މާނައިގައި، އެއްވެސް ނުފުޒެއްނެތި، އިސްކުރާނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމުގައި ވެސް ދަންނަވަމެވެ.