ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަސްލު ސޫރަ މިއަދު ފެނިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިފަދައިން ވިދާޅުވީ ރައީސް ޔާމީން އެދިގެންވެސް އިތުރު ލުއި ތަކެއް ދެވެން ނެތް ކަމަށް ކަރެކްޝަންސް ސާވިސްއިން ނިންމުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އިތުރު ލުއި ނުދިނުމަށް ނިންމީ ސިޔާސީ ގޮތުންނެވެ. މި ނިންމުމާ ގުޅިގެން ރައީސް މުއިއްޒަށް އިތުބާރު ދުވަހަކު ވެސް ނުކުރެވޭނެކަން ސާބިތުކޮށްދީފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި ކިތަންމެ ވަރަކަށް ދީނީ ކާޑު ކުޅެން އުޅުނަސް، އިތުބާރެއް ކުރެވެން ނެތްކަން އެނގިގެން ގޮސްފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ތިޔަ ނިންމުމަކީ ސިޔާސީ ނިންމުމެއް. ތިޔަ ދެއްކީ ޕީޕީއެމް އަދި ރައީސް ޔާމީނަށް ތިބާގެ އަސްލު ސޫރަ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވަނީ ފަހަތަށް ޖެހި ބިރު ގަންނާނެ ބަޔަކަށް އީމާންތެރިން ނުވާނެ ކަމަށާއި ޔާމީން މިނިވަން ވަންދެން އަޑުއުފުލާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއިތަކެއްދީ، ރަށު ބަންދަށް މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މަނާ ކަންތައްތަކެއް އިގުރާރެއްގައި ހިމެނުމަށް ފަހު އެވެ.

ޔާމީންގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

ޔާމީން މިނިވަން ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, ވެރިކަމަށް ހަތަރު ވަނައަށްވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވައިފަ އެވެ.