ދުނިޔޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ވިޔަފާރިވެރިޔާ ވޮރެން ބަފެޓް ބުނާ ގޮތުގައި އިންޓަނެޓަކީ 24 ގަޑިއިރު ޚިދުމަތް ލިބޭ އަދިވެސް ޅަފަތުގައި އޮތް ޚިދުމަތެކެވެ. އެހެން ނަމަވެސް އޭނާގެ ނަޒަރުގައި މިޚިދުމަތުން އެކަށީގެންވާ ބޭނުންތެރި މަސައްކަތެއް ކުރަނީ އަދިވެސް މަދު ބައެކެވެ.

އޭނާ ބުނާގޮތުގައި ނިދާފައި އޮންނައިރުވެސް އާމްދަނީ ލިބޭނެ ގޮތެއް ނުހޯދާ މީހަކު މުޅި އުމުރު އުޅޭނީ ވަޒީފާގަ އެވެ. މިއީ ވަރަށް މާނަ ފުން އަދި ދިގުކޮށް ލިޔެވިދާނެ މައުޟޫއެކެވެ. އިންޓަނެޓަކީ އެމީހަކު އިޚުތިޔާރުކުރާ އަމާޒަކަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. މައުލޫމާތު ހޯދާ ބެލުން، ދަސްކުރަން ބޭނުންވާ ކޮންމެވެސް މަސައްކަތެއް ދަސްކުރުން، ވިޔަފާރިއެއް ކުރުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތް ހޯދުން، ގޭމް ކުޅުން އަދި މިނޫންވެސް މުނިފޫހިފިލުވުމުގެ ކަންކަން ކުރުމާއި އޮންލައިން ވިޔަފާރި ކުރުން ހިމެނެ އެވެ. ކަން މިހެން އޮތަސް ގިނަމީހުން އިންޓަނެޓްގެ ބޭނުން ކުރަނީ ފައިދާއެއް ނުކުރާ ކޮންމެވެސް ކަމެއްގަ އެވެ. އާމްދަނީ ލިބޭނެ ކަމެއް ދަސްކުރުމަށާއި އެއިން ކަމެއް ފަށައިގެން އެކަން ކުރިއަރުވާ އާމްދަނީ އިތުރު ކުރުމުގެ މަސައްކަތްކުރާ މީހުން އަހަރުމެންގެ ތެރޭގައި ވަރަށް މަދުކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އިންޓަނެޓްގެ ޚިދުމަތް ދުނިޔެއަށް ތައާރަފުވީއްސުރެ އެކިއެކި ވިޔަފާރީގެ ވަސީލަތްތައް އޮންލައިން ވިޔަފާރީގެ ގޮތުގައި ތައާރަފުވެ، އެތައް ބަޔަކު ތަފާތު އެކިއެކި ފައިދާ ހޯދަ އެވެ. މުދާ ގޭގައި ބަހައްޓައިގެން ފޭސްބުކް ޕޭޖާއި އިންސްޓަގްރާމް ޕޭޖްގަ ވިއްކުމަކީ އޭގެ އެންމެ އާދައިގެ އެއް ގޮތެވެ. ބޮޑެތި ހޯލްސޭލަރުންނާއި ގުޅިގެން މުދަލުގެ އިންވެންޓްރީއެއް ނުގެންގުޅެ ވިޔާފާރި ހިންގުމަކީ ވެސް އޮންނަ އެއްގޮތެވެ. އަދި އެހެނިހެން ބޮޑެތި ވިޔަފާރި ކުރާ ކުންފުނިތަކުގެ މުދާ އެމީހުންނާއި ގުޅިގެން ވިއްކުމުގެ މެދުވެރިއަކަށްވެ، އެފިލިއޭޓް މާކެޓިންގެ ނަމުގައި ވިޔަފާރި ކުރުމަކީ ވެސް ހަމަ އެފަދައިން އޮންނަ ކަމެކެވެ. މިއިން ކޮންމެ ގޮތަކުން ވިޔަފާރި ކުރިއަސް އޭގެ އެންމެ އެކަށީގެންވާ ނަފާއާއި މަންފާ ނަގާ އެމީހުންގެ ބަހުރުވައިން ނަމަ 7 ޑިޖިޓްގެ އާމްދަނީއެއް ހޯދުމަކީ ކޮންމެވެސް ވަރަކަށް މިމަސައްކަތްތައް ކުރުމުގައި ގެންގުޅޭ ވަސީލަތްތައް ދަސްކޮށް ތަމްރީނުވެގެން އަދި ވަގުތު ހޭދަކޮށްގެން ކުރެވޭނެ ކަމެކެވެ. މަސައްކަތް ކޮށްފިނަމަ ލިބޭނެކަން ކަށަވަރުވާ މި ވިޔަފާރި ކުރުމަށް ވަގުތު ނުދީ ކުޅިވަރުގެ ކަންކަމުގައި އެތަކެއް ގަޑިއެއް އިންޓަރނެޓްގައި ހޭދަކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ވޮރެން ބަފެޓް ބުނިފަދައިން އެހެން އުޅުމުން ކުރިއެރުމެއް ނުލިބި ތާއަބަދު ކުޑަ މުސާރައެއްގައި އުޅެންޖެހޭނީ ވަޒީފާ އަދާ ކުރުމުގަ އެވެ.

އީކޮމާސް ނުވަތަ އިންޓަނެޓްގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ވިޔަފާރީގެ ޖުމްލަ އަހަރަކަށް 7 ޓްރިލިއަން ޑޮލަރަށް އަރާއިރު ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި މި އަދަދު %67 މަތިވާނެ ކަމަށް އިގުތިސާދީ ދިރާސާތަކުން ދައްކަ އެވެ. އެމެރިކާގެ އެޓްލާންޓާގައި އެކަނިވެސް ޚާއްސަކޮށް ޒުވާނުންގެ ތެރެއިން އަހަރަކު 22 ވަރަކަށް މިލިއަނަރުން އީކޮމާސް ވިޔަފާރިން އުފެދެ އެވެ. އަދި އެމެރިކާއަށް ހިޖުރަކުރާ ޒުވާނުންގެ ތެރެއިން ގިނަބަޔަކު މިލިއަނަރުންނަށް ވަނީ އީކޮމާސް އެކިއެކި ޕްލެޓްފޯމްތަކުގައި ވިޔަފާރި ކޮށްގެންނެވެ. މިފަދަ ވިޔަފާރިއަށް ފަރިތަވެ އަހުލުވެރިވަނީ އެމެރިކާ ނޫނަސް ކުރިއަރައިފައިވާ ގައުމުތަކުގަ އެވެ. ކެނެޑާ، އިނގިރޭސިވިލާތް، ނިއުޒިލޭންޑް، އޮސްޓްރޭލިއާ ފަދަ ގައުމުތަކުގަ އެވެ.

މިދެންނެވި ގައުމުތަކުގައި އީކޮމާސް އިން މުއްސަނދިވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ސަބަބަކީ އެމީހުންގެ ވިސްނުންތެރިކަމަށް އައި ބަދަލެވެ. މިއީ އިންވެސްޓްމަންޓް ކުޑަ ފަސޭހައިން ފެށޭ ވިޔަފާރި އެކެވެ. ޝޮޕިފައި، ކިންޑްލް ޑިރެކްޓް ޕަބްލިޝިން (ކޭޑީއައި)، އެފިލިއޭޓް މާކެޓިން، ފޮރެކްސް ޓްރޭޑިން، ކްރިޕްޓޯކަރަންސީ މައިންކުރުން އަދި މިނޫންވެސް ޔޫޓިއުބާއި ޓިކްޓޮކް ބޭނުންކޮށްގެން ފައިސާ ހޯދުމުގު ވިޔަފާރިއަކީ މިހާރު ދުނިޔޭގައި އެތައް މިލިއަން މީހުން ކުރާ ސައްހަ ވިޔަފާރިތަކެކެވެ. މިލިއުމުގައި ކުރުގޮތަކަށް ނަމަވެސް މީގެ ތެރެއިން ދެތިން ވައްތަރެއްގެ ވިޔަފާރިއާމެދު ކުޑަ ތަފުސީލެއް ލިޔެލާނަމެވެ.

ޝޮޕިފައި – ޕްލެޓްފޯމުގައި ހުޅުވާ ސްޓޯރު (ޝޮޕިފައި ސްޓޯރު)

ޝޮޕިފައި އަކީ ބޭނުންކުރަން ފަސޭހަ އީ-ކޮމާސް ޕްލެޓްފޯމެކެވެ. ކުޑަ މަސައްކަތަކުން އޮންލައިން ސްޓޯރެއް މި ޕްލެޓްފޯމުގައި ހުޅުވެ އެވެ. ޔޫޒަ ފްރެންޑްލީ އިންޓަފޭސްއަކާއި، ކަސްޓަމައިޒް ކުރެވޭ ޓެމްޕްލޭޓްތަކާއި، އިންޓަގްރޭޓެޑް ޕޭމަންޓް އޮޕްޝަންތަކާއެކު ހެދޭ ޝޮޕިފައި ސްޓޯރުން ވަކިވަކި ފަރުދުންނަށް ފިޒިކަލް އަދި ޑިޖިޓަލް ޕްރޮޑަކްޓްތައް އެއްވެސް ބުރައަކާއިނުލައި ވިއްކޭނެ އެވެ.

މި ޕްލެޓްފޯމްގެ އޮޓޮމޭޝަން ފީޗާސްތަކުގެ ސަބަބުން އާމްދަނީ ލިބުން އިތުރަށް ފަސޭހަވާއިރު، މިއީ މުއާމަލާތްތަކާއި ޝިޕިން އަދި އިންވެންޓްރީ މެނޭޖްކުރުމުގެ މަސައްކަތް ކުރަންނުޖެހޭ ފަސޭހައިން މެނޭޖްކުރެވޭ ވިޔަފާރިއެކެވެ. އެއްވެސް ވިޔަފާރިއަކީ ކުޑަނަމަވެސް މަސައްކަތެއް ނުކޮށް ކާމިޔާބުވާނެ ވިޔަފާރިއަކަށް ނުވާތީ މި ވިޔަފާރި ވެސް ކުރިއަރުވާ އެއްދުވަހުން އަނެއް ދުވަހަށް އިތުރު ކުރުމަށް ކުރަންޖެހޭ މާކެޓިން މަސައްކަތް ކުރުމަކީ ނެތްކަމެއް ނޫނެވެ.

މިކަން ކުރުމަށް ވެސް ގޫގްލް އެނަލިޓިކްސް ފަދަ ފޭސްބުކު އެޑް މެނޭޖަ އާއި މިނޫން ވެސް އޮންލައިންކޮށް މުދާ ވިއްކުމުގައި ޓާގެޓް ކުރަންވީ މާކެޓް ދެނެގަތުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކުގެ ބޭނުންކޮށްގެން އިޝްތިހާރުކުރުމުން ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުވާލަކު ހާހުން ޑޮލަރު ޝޮޕަށް ވަންނަން ފަށާނެ އެވެ. މިކަމުގައި ކުއްޔާއި، މުސާރަ އަދި އެހެނިހެން ލޮޖިސްޓިކްސްގެ ޚަރަދުބަރަދު ނެތުމުން ލިބޭފައިދާ ބޮޑެވެ.

މިކަން މޮޅަށް ކުރަން ދަސްކުރުމުގެ ހުރިހާ ވަސީލަތެއް އިންޓަނެޓްގައި ލިބެން ހުރެ އެވެ. މޮޅަށް މިކަން ކުރަން ދަސްކުރުމުން މަހަކު ލައްކައިން އާމްދަނީ ހޯދުމަކީ ގިނަބަޔަކު ފަސޭހައިން ކުރާ ކަމެކެވެ. މިއީ އޮޅުވާލައިގެން ބަޔަކު ހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. މިއީ ދުނިޔޭގެ މިވަގުތުގެ ހަގީގަތެވެ. އަހަރުމެން މިކަންކަމަށް އަހުލުވެރި ނުވެ ތިބެނީ ކީއްވެބާއޭ ސުވާލު ކުރަން އެބަޖެހެ އެވެ. އާމްދަނީ ހޯދޭނެ މިފަދަ ވަސީލަތްތަކަށް އަހުލުވެރިވެ މަސައްކަތް ކުރަން އެބަޖެހެ އެވެ. ބަވަނަވެފައި އޮތް މި ދުނިޔޭގައި ކުރިއަރާފައިވާ އިންޓަނެޓްގެ ޒަރިއްޔާއިން ކިޔެވުމާއި، މިފަދަ އެކިއެކި މަސައްކަތްތަށް ދަސްކުރުމަކީ މީހަކަށް ބަރޯސާނުވެ ކުރެވިދާނެ ކަންކަމެވެ. މަންފާއެއް ނުކުރާ ކަންކަމުގައި ހޭދަކުރާ ވަގުތު މިފަދަ ކަމަކަށް އަމާޒުކޮށް ހޭދަކޮށްފިނަމަ މާގިނަ ދުވަހެއް ނުވެ ކުރިއަރައިދާނެ އެވެ.

ކިންޑްލް ޑައިރެކްޓް ޕަބްލިޝިން (ކޭޑީޕީ) – އެމީހަކު އަމިއްލައަށް ލިޔާ ވާހަކަ ޕަބްލިޝްކުރުން

ލިޔުންތެރިކަމަށް ޝައުގުވެރިވާ މީހުންނަށް ކިންޑްލް ޑައިރެކްޓް ޕަބްލިޝިން (ކޭޑީޕީ) މެދުވެރިކޮށް އެމީހަކު ލިޔާ ލިއުމަކުން އާމްދަނީ ހޯދުމަކީ މިހާރު ފަސޭހަކަމެކެވެ.

ކިންޑްލް ޕްލެޓްފޯމްގައި އެމީހަކު ލިޔާ އީ-ފޮތްތައް ޝާއިއުކޮށްގެން، ލިޔުންތެރިންނަށް ދުނިޔޭގެ ހުރިހާ ހިސާބެއްގަ ތިބި ފޮތް ކިޔާ މީހުންނާ ހަމައަށް ވާސިލުވާން ކުރީ ޒަމާނު ޗާޕުކުރި ފަދައިން ޗާޕުކޮށް ވިއްކުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެމީހަކު ލިޔާ ފޮތްތައް ކިންޑްލް ޕްލެޓްފޯމުގައި ޝާއިއު ކުރުމުން، މި ފޮތްތައް ގަނެ ޑައުންލޯޑް ކުރާ ވަރަކަށް ރޯޔަލްޓީ ލިބޭނެ އެވެ. މިއީ ލިޔުންތެރިޔާއަށް އާމްދަނީ ލިބުމުގައި ވަކި ވަރެއް ކަނޑައެޅޭ ވަސީލަތެއް ނޫނެވެ. އެއް ފޮތް ދުވާލަކު އެތައްހާސް ފަހަރަކު ޑައުންލޯޑު ވުމަކީ ފޮތް ރަގަޅު ވެއްޖެނަމަ ނުވާނެކަމެއް ނޫނެވެ. މިކަން ކުރާނެ ގޮތް ހޯދާބެލުމަކީ ވެސް ދަތިކަމެއް ނޫނެވެ. ކުޑަކުދިންނަށް އަމާޒުކޮށް ލިޔާ ކުރުވާހަކަ، އެކިއެކި ޕަޒްލް ފަދަ ގަޔާވާ ކަންކަން ފޮތުގެ ސިފައިގައި ތައްޔާރުކޮށް ޕަބްލިޝްކުރުމުން ހީނުކުރާހާ އަވަހަށް އާމްދަނީ އިތުރު ކުރެވެ އެވެ. މިފޮތްތައް ވެސް އިޝްތިހާރު ކުރުމުގެ ފަސޭހަ ގޮތްތައް ހުރެ އެވެ. ޕިންޓްރެސްޓް ފަދަ ޕްލެޓްފޯމުތަކުގައި އިޝްތިހާރު ކުރުމުން އެތަށް ލައްކަ މީހުންނަށް ފޮތުގެ މައުލޫމާތު ލިބެ އެވެ. މިކަންކުރުމުގައި އެނގެން ޖެހޭ މައުލޫމާތު ދަސްކުރުމަކީ ވެސް އަމިއްލައަށް ކުރެވިދާނެ ފަސޭހަކަމެކެވެ.

މީގެ އިތުރުން ވެސް އެފިލިއޭޓް މާކެޓިންފަދަ، ޔޫޓިއުބު ޗެނަލްގަ ކޮންޓެންޓް ހަދައިގެން ހީނުކުރާހާ ރަގަޅު އާމްދަނީ ހޯދިދާނެ އެވެ. ކޮންމެވެސް މައުޟޫއަކަށް އަމާޒުކޮށް މައުލޫމާތު ދިނުމަށް މީހާ ނުފެނި ވެސް މިހާރު މިކަން ކުރެ އެވެ. ކުރިން ވެސް ބުނި ގޮތަށް މިފަދަ ކަންކަމަކީ ވަކި ގައުމެއްގައި ހުރީތީ ނުވަތަ ވަކި ގައުމަކަށް ނިސްބަތްވީތީ ކުރެވޭ ކަމެއް ނޫނެވެ. ޝައުގުވެރިވާނެ ގޮތަކަށް އެއްޗެއް ހުށަހަޅަން ދަސްކޮށް ވީޑިއޯ ތައްޔާރު ކުރެވިދާނެ އެވެ.

މިހާރަކަށް އައިސް އާޓިފިޝަން އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސްކްރިޕްޓް ލިއުމާއި އެ ސްކްރިޕްޓަށް ވީޑިއޯ ކޮންޓެންޓް ހެދުމަކީ ނުހަނު ފަސޭހަކަމެކެވެ. ކުރަންވީހާ ވެސް ކަމަކީ މިއިންކަމެއް މޮޅަށް ދަސްކޮށްލަންވީ އެވެ. ހަމައެކަނި ވަޒީފާގައި އުޅެމުން ދެން ލިބޭ ވަގުތު އުފެއްދުންތެރިކަމެއް ނުކޮށް ހޭދަކުރުމަކީ މިހާރު ކުރިއަރައިފައިވާ ގައުމުތަކުގައި ކުރާކަމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ޚާއްސަކޮށް ޒުވާނުން މުއްސަނދިވާ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މުއްސަނދި ވާންވީ ޒުވާން އުމުރުގަ އެވެ. އޭގެ އުފަލާއި އަރާމް ލިބޭނީ އެއިރުންނެވެ. މިކަމުގައި އަންހެނެއް ފިރިހެނެއް އިސްތިސްނާ ނުވެ އެވެ.

ރައްޓެއްސަކު އޮންލައިންކޮށް ލިޔެފައިވެ އެވެ. އޭނާ ލިޔާ ކޮންމެ ސަފުހާއަކަށް ލިބޭ އަދަދަށް ބަލާއިރު ކޮންމެ މަސައްކަތަކަށް ފުދޭވަރެއްގެ ފީއެއް ލިބެ އެވެ. މަހަކަށް ބަލާއިރު އެވެރެޖް ދެހާސް ޑޮލަރަށް ވުރެ މަތިވެ އެވެ. އަދި ހަމަ މިފަދައިން އޮންލައިން ޓްރޭޑް ކުރާ އަންހެން ކުއްޖަކު މަހަކަށް ހައެއްކަ ހާސް ޑޮލަރު ހޯދަ އެވެ. މަސައްކަތް ކުރަނީ ލެޕްޓޮޕާއި އިންޓަނެޓް އެކަނި ބޭނުންކޮށްގެން ކަމުގައި ވާތީ އެހާ ޅަ އުމުރުގައި ލިބޭ އާމްދަނީ ބޮޑުކަމުން އޭނާގެ ހުވަފެނުގައި އޮތް ދުނިޔޭގެ ގައުމުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުމުން އަބަދުވެސް އުޅެނީ ތަފާތު އެކިއެކި ގައުމުތަކުގަ އެވެ.

އިންޓަނޭޝަނަލް ސްޓޮކް އެކްސްޗޭންޖްތަކުގެ ޓްރޭޑް ފެށޭވަގުތު އެކަމުގައި ވަގުތު ހޭދަ ކުރަނީ އެއިރަކު ހުރި ގައުމެއްގައި އެވަގުތަކު ހިތްފަސޭހަ ތަނެއްގަ އެވެ. ބައެއްފަހަރު ހުންނަ ކޮޓަރީގަ އެވެ. އަނެއްބައި ފަހަރު ކޮންމެވެސް ކެފޭއެއްގަ އެވެ. އަދި ބައެއް ފަހަރު މުއްސަނދިން ޖަމާވާ ބީޗް ހޮޓަލެއްގަ އެވެ. އޭނާ ބުނަނީ އޭނާގެ ޒުވާން އުމުރު ހޭދަކުރާނީ ހިތްހަމަޖެހޭ ވަރަށް ދަތުރު ކުރުމުގައި ކަމަށެވެ. ރާއްޖެ އަޔަސް ކުޑަ ވަގުތުކޮޅަކު މާލޭގައި އުޅެފައި ދެންދަނީ ކޮންމެވެސް ކުރިން ނުދާ ރިސޯޓަކަށް ބުކިން ހަދައިގެން ޓޫރިސްޓެއްގެ ހައިސިއްޔަތުންނެވެ. މިކުއްޖާއަށް ވަންޏާ ތިޔަ ބޭފުޅުންނަށް ވެސް ވާނެއެވެ. ވަގުތުގެ ބޭނުން ފުރިހަމަގޮތުގައި ހިފާށެވެ.

ގަބޫލުކުރައްވާނަންތޯ؟ އުމުރުން 28 އަހަރުގެ ރަޔަން މާޔާ އޭނާގެ ޝޮޕިފައި ސްޓޯރު ހެދީ މީގެ ހަތަރުވަރަކަށް އަހަރު ކުރިންނެވެ.

އޭނާ ޚިޔާރު ކުރީ މަސްބާނާ ކަންވާރު (ނުވަތަ ފިޝިން ލައިން) ވިއްކާށެވެ. ސަޕްލަޔަރާ ވާހަކަ ދައްކައިގެން އޭނާގެ އަމިއްލަ ބްރޭންޑް "ބިޔޯންޑް ބްރެއިޑް" ގެ ނަމުގައި ކަންވާރު ރޯލު އުފައްދާފަ ވިއްކަންފެށީ އަތުގަ އެއްވެސް ކެޕިޓަލެއް އޮވެގެން ނޫނެވެ.

މޮޅަށް ކުރިކަމަކީ ވިސްނުމާއި ރޭވުންތެރިކަމެވެ. ދަސްކުރީ ޑިޖިޓަލް މާކެޓިންގެ އެކިއެކި ވަސީލަތްތަކެވެ. ފޭސްބުކް އެޑް މެނޭޖަރަށް ފަރިތަވެލީ އެވެ. ގޫގް އެނަލިޓިކްސްގެ އެހީހޯދީ އެވެ. ޓާގެޓް ކުރާނެ މާކެޓް ދެނެގަތީ އެވެ. ކުދިކުދި ވީޑިއޯ ހެދީ އަމިއްލަޔަށް ގޭދޮށު ތޮށިމަތީގައި އޮނެއް ހިފައިގެން ހުރެ އެވެ. މާ ގިނަ ޒަމާނެއް ނުވި އެވެ.

މިހާރު އޭނާގެ ޕްރޮޑަކްޓް އެމޭޒަން، ވޯލްމާޓް އަދި މިނޫން ވެސް ދުނިޔޭގެ ބޮޑެތި ފިހާރަތަކުން ލިބެން ހުންނައިރު އޭނާގެ އަމިއްލަ ޝޮޕިފައި ސްޓޯރުން ވެސް ވިކެ އެވެ. އެންމެ މަދުވިޔަސް މަހަކު މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ރަޔަން އަކީ މިލިއަނަރެކެވެ.

އޭނާ ބުނާ ގޮތުގައި މިއީ ވަކި ގައުމެއްގައި އުޅޭތީ ކުރެވޭ ކަމެއް ނޫނެވެ. އޭނާ އަށް ވަންޏާ ކޮންމެ މީހަކަށް ވެސް ވާނެ އެވެ. ކުރަންޖެހޭ ހާ ވެސް ކަމަކީ ރޭވުމާއި އެކަން ތަންފީޒުކޮށް ކާމިޔާބުވަންދެން ދެންހުރި ކަންކަން މެދުނުކެނޑި ކުރަންވީ އެވެ.