އޮރެންޖު ތޮއްޓަކީ އެތައް ކަމަކަށް ބޭނުން ކުރެވޭ އެއްޗެކެވެ. ގަސްކާނާގެ ގޮތުގައާއި ކޮޓަރިއާއި އަލަމާރި ފަދަ ތަންތަނުން މީރު ވަސް ދުއްވަން ވެސް އެ ބޭނުން ކުރެވެ އެވެ. އޭގެ އިތުރުން ވެސް އޮރެންޖު ތޮށްޓަކީ މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.
ހަންގަނޑު މާބޮޑަށް ހިކޭ މީހުންނަށް އޮރެންޖު ތޮށީގެ ޕައުޑަރު ބޭނުންކޮށްގެން މޫނުގައި އަޅާނެ ޕެކެއް ފަސޭހަކަމާއެކު ތައްޔާރު ކޮށްލެވިދާނެ އެވެ.
އޮރެންޖު ތޮށީގެ ޕައުޑަރާއި ފިނިފެން (ރޯސް ވޯޓާ) އަދި މާމުއި އެއްކޮއްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު މޫނުގައި އަޅާށެވެ. 10-15 މިނެޓު މޫނުގައި އުނގުޅާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ. އޮރެންޖު ތޮށީގައި ހުންނަ ޕޮޓޭސިއަމްގެ ސަބަބުން ހަންގަނޑު މޮއިސްޗަރައިސް ކޮށްދޭނެއެވެ.
ސްކަރަބެއް ހަދަން ވެސް އޮރެންޖު ތޮށި ބޭނުން ކުރެވިދާނެ އެވެ. ސްކްރަބް ތައްޔާރުކުރުމަށް އެންމެ ފުރަތަމަ އޮރެންޖު ތޮށިކޮޅު ގާނާލާށެވެ. އަދި މިކްސްޗަރެއްގައި ގާނާފައި ހުރި ތޮށިކޮޅާއި ހަކުރާއި މާމުއި އަދި ކާށިކިރު އެއްކޮށްލާށެވެ. މި ސްކްރަބް މޫނުގައި އަދި ފެންވަރާއިރު ގައިގައި ވެސް ބޭނުން ކުރެވިދާނެ އެވެ. މި ސްކްރަބްގެ ސަބަބުން މޫނުމަތިން ވަރުބަލިވެފައި ހުންނަކަމުގެ ނިޝާންތައް ފިލުވައިދޭނެ އެވެ.
އޮރެންޖު ތޮށިން ލިޕް ބާމެއް ވެސް ހެދިދާނެ އެވެ. ލިލް ބާމް ހެދުމަށް ބޭނުން ކުރާނީ އޮރެންޖު ތޮށީގެ ޕައުޑަރެވެ. އަދި ބޭނުންކުރާ ޕައުޑަރާ އެއް ވަރަށް ހަކުރު ވެސް ބޭނުން ވާނެ އެވެ. ހަކުރުކޮޅާއި އޮރެންޖު ތޮށީގެ ޕައުޑަރު އަލްމަންޑު ތެލުގައި އެއްކޮއްލާށެވެ. އަދި ބޭނުން ވާރަށް އޮލަ ނުތަވަ ދިޔާ ވަންދެން އަލްމަންޑު ތެޔޮ ބޭނުން ކުރެވިދާނެ އެވެ.ރަނގަޅަށް އޮލަވުމުން އައިސް އަލަމާރީގައި ގަނޑު ކުރުމަށްފަހު ބޭނުން ކުރެވިދާނެ އެވެ.
މިކަންކަމަށް ބަލާއިރު އޮރެންޖުގެ ތޮށި ބޭނުން ނުކޮށް އެއްލާލުމަކީ އެއްވެސް ހާލެއްގައި ބުއްދިވެރި ކަމެއް ނޫނެވެ.